ޔުނިސެފުން ރާއްޖެއަށް މީސަލްސް-ރުބެއްލާ (އެމްއާރު) ވެކްސިންގެ 28،000 ޑޯޒް ހަދިޔާކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ، މި ވެކްސިންތަކަކީ ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލް ކުރުމަށްޓަކައި ކުރިއަށްގެންދާ ”އައުޓްބްރޭކް ރެސްޕޮންސް އިމިއުނައިޒޭޝަން“ ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން ދިން ތަކެތި ކަމަށެވެ.

މި ކަމަށްޓަކައި ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ޔުނިސެފްގެ ފަރާތުން ވެކްސިން ހަވާލުކޮށްދެއްވީ އެ ޖަމާއަތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އެޑްވަޑް އަޑައިއެވެ. ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ ހެލްތް މިނިސްޓަރު ގީލާ އަލީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ތިމާގެ އަމިއްލަ ނަފުސު ރައްކާތެރިކުރުމަކީ، ތިމާގެ އާއިލާއާއި، މުޖުތަމައާއި، ބަލިތަކަށް އެންމެ ނާޒުކު މީހުން ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ ހަފުތާގައި އެކަނިވެސް މާލެ ސަރަހައްދުން ހިމަބިހީގެ 55 ކޭސް ވަނީ ފެނިފައެވެ.

މިއާއެކު މިއަހަރުގެ މިހާތަނަށް ހިމަބިހީގެ ޖުމްލަ 121 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. މި ބަލި އެންމެ ގިނައިން ޖެހިފައިވަނީ އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށެވެ.