އަންނަ ހޮނިހިރު ދުވަހުގައި ބާއްވަން ހަމަޖެހިފައިވާ ޕީއެންސީގެ ދާއިރާތަކާއި ސްޓިއަރިން ކޮމިޓީތަކުގެ އިންްތިހާބުގެ އޮފިޝަލުންނާ ޕާޓީގެ ލީޑަރުން ބައްދަލުކުރައްވައި، އިންތިހާބަށް ތައްޔާރުވުމުގެ ކަންކަން ކުރިއަށްދާ ގޮތް އޮޅުންފިލުއްވައިފިއެވެ.
މި އިންތިހާބަކީ ޕީއެންސީގެ ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި ނައިބުރައީސުންނާއި އެކި މަގާމުތަކުގެ އިތުރަށް މެންބަރުން އިންތިހާބުކުރުމާއެކު ޕާޓީގެ ދާއިރާތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ނެތް ދާއިރާތަކުގެ ދާއިރާ ރައީސުންނާއި، ޕާޓީގެ މެންބަރަކު މަޖިލީހުގައި ތަމްސީލުކުރައްވާ ދާއިރާތަކަށް ދާއިރާ ނައިބުރައީސުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބެކެވެ.
އެ އިންތިހާބު 131 ރަށު ދާއިރާައެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. އެއީ އިންތިހާބުކުރަން ހަމަޖެހިފައިވާ މަގާމުތަކަށް އިންތިހާބުކުރާ އަދަދަށްވުރެ ގިނައިން ބޭފުޅުން ކުރިމަތިލައްވާފައިވާ ރަށު ދާއިރާތަކެވެ.
މި އިންތިހާބު ނިމިގެންދާއިރު ޕާޓީގެ 2،000 އަށްވުރެ ގިނަ މަގާމަށް ބޭފުޅުން އިންތިހާބުކުރެވިގެންދާނެ ކަމަށް ޕީއެންސީން ބުނެއެވެ.
