ރާއްޖޭގެ ކިޔަވާ ކުދިންގެ މެދުގައި އޮންނަ ޓިއުޝަން ނެގުމުގެ ސަގާފަތް ދޫކޮށްލުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ނަސޭހަތްތެރިވެވަޑައިގަންނަވައިފިއެވެ.

މިދިޔަ އަހަރުގެ މަތީ އަރުތަވެރިންގެ އިނާމު ދޭން ހުޅުމާލޭގެ ސީއެޗްއެސްއީގައި ހެނދުނު ބޭއްވި ގެ ރަސްމިއްޔާތުގެ ފުރަތަމަ ދަންފަޅީގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ދަރިވަރުންނަށް އުނގަންނައި ދިނުމަށް ޓިއުޝަނަށް ބަރޯސާވުމުގެ އާދަ ވަރަށް ބޮޑަށް އަށަގަނެފައިވާ ކަމަށާއި، ބައެއް ދަރިވަރުން 4-6 ގަޑިއިރު ހޭދަކުރަނީ ޓިއުޝަނުގައި ކަމަށެވެ.

ސްކޫލްތަކުން ބޭރުން ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދޭން ވާނީ ސްކޫލުގައި އުނގެނުމުން ކުދިން ދުރުނުވާނެ ގޮތަކަށް ވިސްނައިގެން ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި އަމާޒަކަށް ވާން ވާނީ ތައުލީމީ ނިޒާމުގެ ތެރެއިން ދަރިވަރުންނަށް ފޯރުކޮށްދޭ ތަޢުލީމަށް ބަރޯސާވެވޭ މިންވަރަށް އުނގަންނައި ދިނުމުގެ ފެންވަރު ރަނގަޅުކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝަފީއު ވިދާޅުވީ ހަމައެކަނި ޓިއުޝަނާއި އުނގެނުމުގައި ދަރިވަރުންގެ ވަގުތުތައް ނަގާލުމަކީ ދަރިވަރުންގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރު ވެސް ފޯރާނެ ކަމެއް ކަމަށެވެ.

އަދި ދަރިވަރުން ހިތްހަމަޖެހޭ ކަންކަމުގައި ވަގުތު ހޭދަ ކުރުމަކީ ދަރިވަރުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ދިރާސާތަކުން ވެސް ފާހަގަވާ ކަމަށް ވިދާޅުވިއެވެ.