ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު، ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔަޙްޔާ އަލްޤަޙްތާނީއާ މިއަދު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނިގޮތުގައި، ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިންގުގައި ބޭއްވި މި ބައްދަލުކުރެއްވުމަކީ، ދިވެހި ފުލުހުންނާއި ސައުދީއާ ދެމެދު އޮތް ގުޅުން ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށާއި، ތަމްރީނުގެ އައު ފުރުސަތުތައް ހޯދުމާ ގުޅޭގޮތުންނެވެ.
އެގޮތުން، ކިންގް ފަހުދު ސެކިއުރިޓީ ކޮލެޖާ ގުޅިގެން މަސައްކަތް ކުރުމާއި، ރާވައިގެން ހިންގާ ބޮޑެތި ކުށްތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ އިތުރުން، ތަހުގީގުގެ ދާއިރާ އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ހާއްސަ ތަމްރީނުތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިމަގުގައި އެކުގައި މަސައްކަތް ކުރެވިދާނެ އައު ދާއިރާތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

