ދިވެހި ސަރުކާރާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) ގުޅިގެން ރ. އަތޮޅާއި ބ. އަތޮޅުގެ 25 ރަށެއްގައި ގާއިމުކުރި 6.4 މެގަވޮޓްގެ ސޯލާ ފޮޓޯވޮލްޓައިކް (ޕީވީ) ހައިބްރިޑް ކަރަންޓުގެ ނިޒާމުތައް އިފްތިތާހުކޮށްފިއެވެ.
މި ނިޒާމުތައް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ރ.ކިނޮޅަހުގައެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނި ގޮތުގައި މިއީ ”ޕްރިޕެއަރިން އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް“ (ޕޮއިސްޑް) ޕްރޮޖެކްޓުގެ ދަށުން ކުރިއަށްދިޔަ މަސައްކަތެކެވެ.
ޕޮއިސްޑް މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ 160 ރަށެއްގައި ގާއިމުކޮށްފައިވާ ޑީސަލުން ކަރަންޓު އުފައްދާ ނިޒާމުތައް ސޯލާ ޕީވީ ހައިބްރިޑް ނިޒާމުތަކަކަށް ބަދަލުކުރުމެވެ.
މި މަޝްރޫއުގެ ދަށުން މިހާތަނަށް 72 ރަށެއްގެ މަސައްކަތް ނިމި، އެ ރަށްރަށުގައި އަންނަނީ ހައިބްރިޑް ނިޒާމުތައް ބޭނުންކުރަމުންނެވެ.
މި ރަށްތަކުގައި ޖުމްލަ 13.4 މެގަވޮޓް ޕީކްގެ ސޯލާ ޕީވީ އާއި، 10.6 މެގަވޮޓް އަވާގެ ބެޓަރީ އެނަޖީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް) ގާއިމުކުރުމާއި އަދި މިސިސްޓަމްތަކަށް ބޭނުންވާ އެނާޖީ މެނޭޖްމަންޓް ސިސްޓަމް (އީއެމްއެސް) ހަރުކުރުމާއި އަދި އެކަމަށް ބޭނުންވާ ގްރިޑް އަޕްގްރޭޑްކުރުންވެސް މީގެތެރޭގައި ހިމެނެ އެވެ.
މީގެ އިތުރުން 27 މެގަވޮޓްގެ ޑީސަލް ޖަނަރޭޓަރު ވެސް ވަނީ ފޯރުކޮށްދީފައެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނި ގޮތުގައި މިއަދު މި އިފްތިތާހުކުރެވުނު 25 ރަށުގެ ނިޒާމުތަކުގައި ޖުމްލަ 6.36 މެގަވޮޓް ޕީކްގެ ސޯލާ ޕީވީ އާއި 10 މެގަވޮޓް އަވާގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ހިމެނެއެވެ.
މި ނިޒާމުތަކުން އަހަރަކު 10.4 ގިގަވޮޓް އަވާގެ ސާފު ހަކަތަ އުފައްދާނެ ކަމަށާއި މީގެ ސަބަބުން އަހަރަކު 3 މިލިއަނަށްވުރެ ގިނަ ލީޓަރުގެ ޑީސަލް ސަލާމަތްކުރެވި، ޖައްވަށް ދޫކުރާ ކާބަންޑައިއޮކްސައިޑްގެ މިންވަރު 8,400 މެޓްރިކް ޓަނުން މަދުކުރެވޭނެކަން މިނިސްޓްރީން ބުނެއެވެ.
ރަށްތަކުގެ ތަފުސީލު ބެޓަރީ ސްޓޯރޭޖް ކެޕޭސިޓީ (ކޭޑަބްލިޔުއެޗް) ސޯލާ ޕީވީ ކެޕޭސިޓީ (ކޭޑަބްލިޔުޕީ)
- ރ. އަލިފުށި 0.00 | 29.70
- ރ. ވާދޫ 412.16 | 250.80
- ރ. ރަސްގެތީމު 412.16 | 257.40
- ރ. އަނގޮޅިތީމު 412.16 | 250.80
- ރ. މާކުރަތު 172.03 | 176.00
- ރ. ރަސްމާދޫ 537.60 | 300.30
- ރ. އިންނަމާދޫ 618.24 | 350.90
- ރ. މަޑުއްވަރީ 344.06 | 400.40
- ރ. އިނގުރައިދޫ 618.24 | 350.90
- ރ. ފައިނު 412.16 | 250.80
- ރ. މީދޫ 516.10 | 450.45
- ރ. ކިނޮޅަސް 537.60 | 297.55
- ރ. ހުޅުދުއްފާރު 344.06 | 250.80
- ބ. ކުޑަރިކިލު 618.24 | 352.00
- ބ. ކަމަދޫ 172.03 | 198.00
- ބ. ކެންދޫ 344.00 | 249.70
- ބ. ކިހާދޫ 537.60 | 321.75
- ބ. ދޮންފަނު 537.60 | 301.40
- ބ. ދަރަވަންދޫ 0.00 | 25.30
- ބ. މާޅޮސް 716.80 | 396.00
- ބ. އޭދަފުށި 0.00 | 35.20
- ބ. ތުޅާދޫ 0.00 | 20.35
- ބ. ހިތާދޫ 618.24 | 371.80
- ބ. ފުޅަދޫ 537.60 | 217.80
- ބ. ފެހެންދޫ 537.60 | 250.80
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މިއަދު މި އިފްތިތާހު ކުރެވުނު ރަށްތަކާއެކު، ޖުމްލަ 97 ރަށެއްގައި ޕޮއިސްޑް ޕްރޮޖެކްޓުގެ ދަށުން މަސައްކަތް ނިމި، ޖުމްލަ 19.8 މެގަވޮޓްގެ ސޯލާ ޕީވީ ކެޕޭސިޓީއާއި 20.6 މެގަވޮޓް އަވާގެ ބެޓަރީ ސްޓޯރޭޖް ގާއިމުކޮށް ނިމި ބޭނުންކުރަމުންދާނެ ކަމަށެވެ.

