މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ދަށުން ހިންގަމުން އަންނަ އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލާ މި އަހަރުގެ މިހާތަނަށް ތަމްރީނު ފުރިހަމަކުރެއްވި ދިވެހި 16 ޑޮކްޓަރަކު ގުޅިވަޑައިގެންފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ.

 

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނާ ވިދާޅުވީ އަލަށް ގުޅިވަޑައިގެންނެވި ޑޮކްޓަރުންގެ ތެރޭގައި ރާއްޖެއަށް މުޅިން އަލަށް ތަޢާރަފުވާ ދާއިރާތަކުން ތަމްރީނު ހާސިލުކުރައްވާފައިވާ ސްޕެޝަލިސްޓުންނާއި ސަބް-ސްޕެޝަލިސްޓުން ހިމެނިވަޑައިގަންނަވާ ކަމަށެވެ.

 

އެގޮތުން ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީ ޕީޑިއަޓްރިކް ޑެންޓިސްޓްރީ ނިއޯނަޓޮލޮޖީ އަދި ކްލިނިކަލް ހެމަޓޮލޮޖީ ފަދަ ދާއިރާތައް ފާހަގަކޮށްލެވެއެވެ.

 

ހަލީމް ވިދާޅުވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް ކާޑިއޯތޮރެސިކް އެންޑް ވެސްކިއުލާ ސާޖަރީ އާއި އިންޓަވެންޝަނަލް ރޭޑިއޮލޮޖީގެ ހިދުމަތް ތަޢާރަފުކުރުމާއި ހިތުގެ ފަރުވާއާއި ނާރުގެ ފަރުވާ އިތުރަށް ފުޅާކުރުމަށް ޒަމާނީ ހިދުމަތްތައް މި އަހަރު ތެރޭގައި ފެށޭނެ ކަމަށެވެ.

 

މީގެ އިތުރުން ކަށީގެ ބަލިތަކާއި އެތެރެހައްޓާއި ނިއުރޮލޮޖީ އާއި ރޭޑިއޮލޮޖީ އާއި ކަންފަތާއި ނޭފަތާއި ކަރު (އީއެންޓީ) އާއި ގެސްޓްރޯއެންޓްރޮލޮޖީއާއި ޕްލާސްޓިކް ސާޖަރީއާއި ވެސްކިޔުލަރ ސާޖަރީ އަދި ޕަލްމޮނޮލޮޖީ ފަދަ ތަފާތު ދާއިރާތަކުން ހާއްސަ ޑޮކްޓަރުން ވެސް ހިދުމަތާ ގުޅިވަޑައިގެންފައިވެއެވެ.