ސިޔާސީ ގޮތުން ބަދަލުހިފުމުގެ ވިހަގަދަ ރޫހުން ރާއްޖެ މިނިވަންކޮށް ދީފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި އެ މަނިކުފާނުު ވިދާޅުވީ އެކި ގޮތް ގޮތުން ރާއްޖެއަށް މިނިވަން ވަރަށް ބޮޑަށް ލިބި ދީފައިވާ ކަމަށެވެ.
އެގޮތުން އިދިކޮޅު ސިޔާސީ ލީޑަރުންނާއި ސިޔާސީ ހަރަކާތްތައް ހިންގުމަށް އޮތް ހުރަސްތަކާއި އަނިޔާވެރިކަން ނައްތާލެވިފައިވާކަން ފާހަގަކުރައްވައި، ރާއްޖޭގެ ޑިމޮކްރަސީގެ ތާރީހުގައި ވެސް، މިހާތަނަށް ނުދޭ މިނިވަންކަން މި ސަރުކާރުން ހޯދައި ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންވެ ސިޔާސީ ހަރަކާތްތައް ހިންގުމަށް ހުރަހެއް ނެތް ކަމަށާއި އެތެރޭގެ އިންތިހާބުތައް ބޭއްވުމަށް ސްކޫލު ހޯލުތަކާއި ދައުލަތުގެ މުއައްސަސާތައް ދިނުމާއި އިދިކޮޅު ޕާޓީތަކުގެ ބައްދަލުވުން ބާއްވަން ވެސް އިންތިޒާމުތައް ހަމަޖައްސައިދެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.
.
”އަޅުގަނޑުމެން ކުރީގެ އެއްވެސް ލީޑަރަކު ޖަލަކަށް ނުލަން،“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރު އައީ، ސިޔާސީ ބަދަލު ހިފުމުގެ ރޫހު ނެތިކޮށްލާނެކަމުގެ ވައުދާ ވެސް އެކީގައި ކަމަށާއި އެ ވައުދު ތަންފީޒުކޮށް، ސިޔާސީ ބަދަލުހިފުމުގެ ވިހަގަދަ ރޫހުގެ އަޅުވެތިކަމުން، މިހާރު މި ގައުމު މިނިވަންކޮށް ދީފައިވާ ކަމަށެވެ.
އެގޮތުން ސިޔާސީ ގޮތުން ހަރަކާތްތެރިވުމަށް މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށާއި އަނިޔާވެރިކަމަށް ހުށަހެޅިފައިވާ އިދިކޮޅު ސިޔާސީ ވެރިންނަށް މިނިވަންކަންދީ، އަނިޔާވެރިވުމުގެ ސަގާފަތަށް ނިމުން ގެނެސްދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އެއްވެ އުޅުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ވެސް ހުދޫދުގެ ތެރެއިން ދީފައިވާނެ ކަމަށް ވިދާޅުވިއެވެ.

