ބަންގްލަދޭޝް ސަރުކާރުން މި އަހަރުވެސް ރާއްޖެއަށް ގިނަ އަދަދެއްގެ އަނބު ހަދިޔާކޮށްފިއެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހަދިޔާ ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މުހައްމަދު ނަޒްމުލް އިސްލާމެވެ.
ދިވެހި ސަރުކާރުގެ ފަރާތުން އެ ހަދިޔާއާ ހަވާލުވެވަޑައިގަތީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑެޕިއުޓީ ޗީފް އޮފް ޕްރޮޓޮކޯލް ބަދޫރާ ސައީދެވެ.
މި އަހަރުގެ އަނބު ހަދިޔާ ރާއްޖެއަށް ލިބިފައިވަނީ، ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު ޑރ. ހަލީލުރް ރަހުމާން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރާ ދިމާކޮށްފައެވެ.
ރާއްޖޭގައި ހުންނަ ބަންގުލަދޭޝްގެ އެމްބަސީން މިއަދު ބުނީ އެ ގައުމުގެ އެންމެ މަތީ ފަންތީގެ އަނބު ރާއްޖެއަށް ހަދިޔާކުރުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި، ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

