ބައެއް ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން މިނިވަންކަމަށް ބުރޫއަރާފައިވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ”ނޭޝަން ޗެޓް“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ސަރުކާރުތަކުން އިޒްރޭލާ ގާތް ގުޅުމެއް ބާއްވައި، އިސްލާމީ އުންމަތާ ދުރުވެ، ވަކި ގައުމެއްގެ ނުފޫޒުގެ ދަށުގައި ގޮނޑިކޮއްކޮ ހާރިޖީ ސިޔާސަތެއް ގެންގުޅުނުކަމީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.

މި އަހަރުގެ މިނިވަން ދުވަހުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅަށް އަލިއަޅުވައިލައްވައި ރައީސް ވިދާޅުވީ، އެ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ބޭނުމެއްގައި ދެއްކެވި ވާހަކަތަކެއް ނޫންކަމަށެވެ. އަދި އެ ޖަލްސާގައި ހާމަކުރެއްވީ ހަގީގަތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަދި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކަކީ އެއްވެސް ހާލެއްގައި ރައްޔިތުން ކުށްވެރިކުރުމުގެ ނިޔަތުގައި ދެއްކެވި ވާހަކަތަކެއް ނޫންކަމަށާއި، އެއީ ގައުމުގެ ކަންކަން އިސްލާހުކުރުމަށްޓަކައި އިހުލާސްތެރިކަމާއެކު ދެއްކެވި ވާހަކަފުޅުތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

”އެގޮތުން އަޅުގަނޑު ފާހަގަކުރީ އެމްޑީޕީ ސަރުކާރެއް އަންނަ ކޮންމެ ފަހަރަކު އިޒްރޭލާ ގާތްކަމާއި އަރަބިންނާއި މުސްލިމުންނާއި ދުރުކަމާއި، ވަކި ގައުމުތަކެއް އިސްކުރާ ކަމާއި، ނޫނިއްޔާ ބައެއްފަހަރު ގާތްގަނޑަކަށް އަޅުގަނޑު އެ ދުވަހު މިނިވަން ދުވަހު ފާހަގަކުރިން ގޮނޑިކޮއްކޮ ހާރިޖީ ސިޔާސަތަކޭ. މިކަންކަމަކީ ފެކްޓް. ފެންނަން ހުރި ހަގީގަތް،“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގައުމުގެ ހާރިޖީ ސިޔާސަތު އޮންނަން ވާނީ އަމިއްލަ މުސްތަގިއްލުކަމާއެކު ދިވެހީން އިސްކުރެވިގެން ބައްޓަންކުރެވިފައި ކަމަށެވެ.