ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު، އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް އާއި ސްރީލަންކާގެ ކޮލަމްބޯގައި ހުންނަވާ އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް (އޭއެފްޕީ) ގެ ސީނިއަރ ލިއޭޒަން އޮފިސަރ، ޑިޓެކްޓިވް ސުޕްރިންޓެންޑެންޓް ކެތަރިން ޕޮލްކިންގހޯން އާ ބައްދަލުކުރައްވައިފިއެވެ.

އިއްޔެ ބޭއްވި މި ބައްދަލުވުމުގައި، ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އޮންނަ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ވަނީ މަޝްވަރާކުރައްވާފައެވެ.

އަދި އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ފަރާތުން ދިވެހި ފުލުހުންގެ ހިދުމަތަށް މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، ހާއްްސަކޮށް ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި ތަހުގީގު ކުރުމުގެ ދާއިރާއިން ފޯރުކޮށްދޭ ތަމްރީނު ޕްރޮގްރާމްތަކާއި، ފޯރުކޮށްދީފައިވާ ވަސީލަތްތަކުގެ އިތުރުން ފަންނީ އެހީތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައިވެއެވެ.

މީގެ އިތުރުން، ކުރިމަގުގައި ދެ މުއައްސަސާ ގުޅިގެން އިތުރަށް ކުރެވިދާނެ މަސައްކަތްތަކާއި، ތަމްރީނުގެ ފުރުސަތުތައް ފަހިކުރުމާ ގުޅޭގޮތުންނާއި، ގުޅިގެން ކުރިއަށްގެންދެވިދާނެ އެހެނިހެން ހަރަކާތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.