އިންޑޮނޭޝިއާގެ ފެރީއެއްގައި ރޯވެ، 5 މީހުން މަރުވެ، 45 މީހުން ގެއްލިއްޖެއެވެ.

އަލިފާން ރޯވެފައި ވަނީ، އިންޑޮނޭޝިއާގެ މަދޫރާ ރަށުގެ ކައިރިން ދަތުރުކުރަމުން ދިޔަ 250 އަށްވުރެ ގިނަ މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ފެރީއެކެވެ.

”މުޓިއާރާ ސެންޓޯސާ 2“ ނަމަކަށް ކިޔާ މި ފެރީގައި ރޯވީ އިރުމަތީ ޖާވާގެ ސުރަބާޔާއިން ފުރައިގެން ދެކުނު ސުލަވެސީގެ މަކައްސަރަށް ދަތުރުކުރަމުން ދަނިކޮށެވެ.

އިންޑޮނޭޝިއާގެ ”އައި ނިއުސް“ އިން އާއްމު ކުރި ފުޓޭޖަކުން ފެންނަ ގޮތުގައި، އަލިފާނުގެ ހާދިސާ ހިނގުމުން، ބޯޓުގައި ސަލާމަތުން ތިބި ފަސިންޖަރުން، ލައިފް ޖެކެޓު އަޅައި، އެހެން އުޅަނދުތަކަށް އެރުވުމަށް މަސައްކަތް ކުރަމުން ދިޔައެވެ.

އަދި ލައިފް ޖެކެޓު އަޅައިގެން ތިބި ބައެއް މީހުން މޫދަށް ފުންމާލާ މަންޒަރު ވެސް، އެހެން ފުޓޭޖަކުން ފެނެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި، އަލިފާން ރޯވި ފެރީގެ ބޮޑު ބައެއް ވަނީ އަނދައި ހުލިވެފައެވެ.

ނަމަވެސް، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ސާފެއް ނޫނެވެ.