ބަންޑުންޖަހާލި އެލްސީވީން ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ކަނޑާއި ވައިގެ މަގުން ކުރަމުނެވެ.

ެއެމްއެންޑީއެފުން ބުނީ، ޖުލައި 31ވަނަ ދުވަހު ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް އެ ދުވަހުން ފެށިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ކަނޑާއި ވައިގެމަގުން ކުރަމުން ކަމުގައެވެ.

މިގޮތުން، އެމްއެންޑީއެފް އެއަރ ކޯރއިން މި އޮޕަރޭޝަންގައި މިހާތަނަށް ކަނޑާއި ވައިގެ މަގުން 3،580 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ބަލާފައި ވާއިރު، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީންއާއި ފާސްޓް އިންޓަސެޕްޓަރ ކްރާފްޓުން 441 އަކަ ނޯޓިކަލް މޭލްގެ ސަރަހައްދެއް ވަނީ ބަލާފައެވެ.

”އޭގެއިތުރުން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ 675120 އަކަ މީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލާފަ. މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު ދެ ބިދޭސީން އަދި ފެނިފައެއް ނުވޭ.“ އެމްއެންޑީއެފުން ބުންޏެވެ.

މި ދެ މީހުންނާ ބެހޭ އެއްވެސް ހަބަރެއް ވޭތޯ މި ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި، މި ހިސާބުގެ ރަށްތަކުން ބަލައިދިނުމަށް ވެސް އެމްއެންޑީއެފުން އެދިފައިވެއެވެ.

އަދި މި ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް، އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައި ދިނުމަށް ވެސް އެދިފައިވެއެވެ.