ލ.އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް 08 މީހުންނާއެކު ދަތުރުކުރަމުންދިޔަ ”ފްރެންޑް 4“ ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ރާޅު އަރައި ދިޔަވަމުންގޮސް އަޑިއަށް ހިނގައްޖެއެވެ.
އެމްއެންޑީއެފުން މިރޭ ބުނީ އެ ދޯނިން ދަތުރު ކުރަމުން ދިޔަ ހަތް މީހަކު ސަލާމަތް ކުރެވިފައިވާ ކަމަށެވެ.
ނަމަވެސް، މި މަސައްކަތުގައި އުޅުނު ސިފައިންގެ ބޭކަލަކާއި، ފުލުހެއްގެ އިތުރުން ދޯނީގެ ކައްޕި ގެއްލިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދިނެވެ.
އެމްއެންޑީއެފުން ބުނީ ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
”ފްރެންޑް 4“ ދޯންޏަކީ ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރު ކުރަމުންދިޔަ ދޯންޏެއްކަމަށާއި، އެ ދޯނި އަޑިއަށް ގޮސްފައިވަނީ ރާޅު އަޅައި، އެ ދޯނި ދިޔަވަމުން ދަނިކޮށް، ފުލުހުންނާއި، ސިފައިން އެ ދޯނި ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށްކަމަށް އެމްއެންޑީއެފުން ބުންޏެވެ.

