ވެރިކަން ކުރާ ޕީއެންސީން، އަންނަ މަހު ބާއްވާ އެ ޕާޓީގެ ކޮންގްރެސްގައި، ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލުމަށް ނިންމަވައިފައިވާ ކަމަށް ޕީއެންސީގެ ނައިބުރައީސްގެ މަގާމުގައި މިހާރުވެސް ހުންނެވި މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނިމާލް ވިދާޅުވީ ޕީއެންސީގެ ކޮންގްރެސްގެ މި ދައުރުގެ ބޮޑުބައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ، ޕާޓީގެ ނައިބު ރައީސެއްގެ ހައިސިއްޔަތުން އޭރުގެ ސަރުކާރުން ކުރިމަތި ކުރުވި އެކިއެކި ފިއްތުންތަކާއި ގޮންޖެހުންތަކާއެކުވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

”މި ޕާޓީގެ ފުރަތަމަ ކޮންގްރެސް ބޭއްވުނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެގެން ކަމުގައިވީ ނަމަވެސް، މިއަދު މި ޕާޓީގެ ދެވަނަ ކޮންގްރެހަށް ކުރިމަތިލާއިރު ޕާޓީ ވެރިކަމުގައި އޮތުމީ އަޅުގަނޑުމެން އެންމެންނަށް ވެސް އުފާވެރިކަން ގެނެސްދޭ ކަމެއްކަން ޔަގީން.“ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ނިމާލް ވިދާޅުވިއެވެ.

ނިމާލް ވިދާޅުވީ މި ކާމިޔާބީއަކީ ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންގެ ޝާމިލުވުމާއެކު ލިބުނު ކާމިޔާބީއެއް ކަމަށާއި މިއީ މި އެންމެންގެ ހިތުގައި މި ގައުމަށްޓަކައި އޮތް ލޯބި ރަމްޒުކޮށްދިން ކަމެއް ކަމަށެވެ.

ނިމާލް ވިދާޅުވި ގޮތުގައި އޭނާގެ އެންމެ މުހިންމު އަމާޒަކީ، ރާއްޖެއަށް ހަމަޖެހުމާއި ސުލްހަމަސަލަސްކަން ގެނައުމަށާއި، ރާއްޖޭގެ ތަރައްގީއަށާއި، ރާއްޖޭގެ މިނިވަން ކަމަށާއި، ރާއްޖެ ވެއްޓިފައިވާ އަނދަވަޅުން ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގައި ޕާޓީގެ ފަރާތުންނާއި އަމިއްލަ ފަރުދީ ގޮތުން ދެވެން އެހީތެރިކަމެއް ފޯރުކޮށްދިނުމެވެ.

އެކަންކަން ހާސިލުކުރުމަށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް މުއިއްޒަށް ކާމިޔާބުކޮށް ދިނުމުގައި ޕާޓީގެ މެންބަރުންނާއެކު މަސައްކަތްކުރުމަކީ އެންމެ ބޮޑު އަމާޒު އަދި ހާސިލުކުރަން ބޭނުންވާ އެންމެ ބޮޑު ލަނޑުދަނޑި ކަމަށްވެސް ނިމާލް ވިދާޅުވިއެވެ.

ސިޔާސީ ބޭނުމަކަށްވެސް އަދި އެހެން ކަމަކަށްވެސް، އޭނާ  ދޮގު ނުހައްދަވާނެ ކަމަށާއި، ދެމިހުންނަވާނީ އެ ދުވަހުވެސް ހުރި ގޮތުގެ މަތީގައި ކަމަށް ވެސް ނިމާލް ވިދާޅުވިއެވެ.

”އިރާދަކުރެއްވިއްޔާ މާދަމާވެސް ސާބިތުވެ ދެމިހުންނާނީ އެގޮތުގެ މަތީގައިކަން ކަށަވަރުކޮށްދެމެވެ.“ ނިމާލްގެ ޕޯސްޓުގައިވެއެވެ.

ނިމާލް ވިދާޅުވީ އޭނާއަކީ ޕާޓީއަށް ދިމާވާ ކޮންމެ ގޮންޖެހުމެއްގެ ވަގުތުގައިވެސް އަދި ކާމިޔާބީގެ ވަގުތުގައިވެސް ދެގޮތެއް ނުވެ ސާބިތުވެ ހުންނާނެ އެކަކު ކަމުގައި މެންބަރުން ގަބޫލުކުރާ ކުރުމަކީ ލިބޭ އުފަލެއް އަދި ހިތްވަރެއްގެ އިތުރުން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށެވެ.