މަޑުމައިތިރިކަން ފަދަ އަހުލާގީ ރިވެތި ސިފަތަކަކީ ދީނުގެ މުހިންމު ބައެއްކަން ދަންނަ މީހުން މިއަދު މަދު ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގައި ނަސޭހަތްތެރިވެފައި ވަނީ، މަޑުމައިތިރިކަން އިސްކުރުމުގެ މުހިންމު ކަމުގެ މައްޗަށެވެ.
އެގޮތުން ފަރުޟުތަކާއި ސުންނަތް ނަމާދުތަކަށް ރައްކާތެރިވާ މީހުން އަހަރެމެން ތެރޭގައި މަދު ނޫން ނަމަވެސް ހެޔޮލަފާ މީހުންގެ ތެރޭގައި ވެސް، މީސްތަކުންނާ މުޢާމަލާތުކުރުމުގައި ހަރުކަށިކަމާއި ދޫނުދިނުމާއި އެހެން މީހުންގެ ކުށްތަކަށް މަޢާފުނުކުރުމުގެ ނުބައި ސިފަ ހުންނަކަން ހުތުބާގައި ފާހަގަ ކުރިއެވެ.
މާތްﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައާ ހަވާލާދީ ހުތުބާގައި ބުނީ، ދީން ގަބޫލުނުކުރާ ނުބައި ނުލަފާ މީހުންނާ މުހާތަބުކުރަން ވެސް އިސްލާމްދީނުގައި އޮންނަނީ މަޑުމައިތިރިކޮށް ކަމަށެވެ.
އެހެންވެ، އަހަރެމެން މުސްލިމުން އެކަކު އަނެކަކާ މުއާމަލާތު ކުރާއިރު އޯގާވެރިކަމާއި މަޑުމައިތިރިކަމާއި ތަވާޟުޢުވެރިކަން އިސްކުރުން މާ އައުލާކަން ބޮޑުކަން ހުތުބާގައި ހަނދާންކޮށްދިނެވެ.
އަދި، ދުނިޔޭގެ ކަންކޮޅުތަކުގައި އިސްލާމްދީން ފެތުރުނީ އެ ދީނުގެ އަހުލުވެރީންގެ ރިވެތި އަހުލާގާއި ހެޔޮ މުޢާމަލާތުގެ ސަބަބުން ކަމަށް ހުތުބާގައި ވެއެވެ.

