ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަ ކަމަށް ތުހުމަތުކުރެވޭ މީހަކު ސ. މަރަދޫއިން ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މީހާ ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، މި އޮގަސްޓު މަހުގެ ފަސް ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.

ވަގަށްނަގާ ތަކެތި ނުއަގުގައި ގަންނަ ފަރާތްތަކަށް އަމާޒުކޮށްގެން ގަން ޕޮލިސް ސްޓޭޝަނުން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި، މަރަދޫ ފާގަތިގެ ބަލައިފާސްކުރިއިރު، ނުއަގުގައި ގަނެފައިވާ ކަމަށް ބެލެވޭ 65 އައިޓަމެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި ތަކެއްޗަކީ އައްޑޫ ސިޓީގެ އެކި ގޭގެއިން އެކި މީހުން ވަގަށްނަގައިގެން ވިއްކާފައިވާ ތަކެއްޗެވެ.

އޭގެ ތެރޭގައި ޕަވަރ ޓޫލް، ކާޗަރ މެޝިން، ސްޕީކަރާއި ލައިޓުގެ އިތުރުން އެހެނިހެން ސާމާނު ހިމެނެއެވެ.

މި ތަކެތީގެ ތެރެއިން ބައެއް ތަކެތި މިހާރު ވަނީ އޭގެ ވެރިފަރާތްތަކާ ހަވާލުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މަރަދޫ / ފާގަތި، އަބްދުﷲ އުމަރު (58އ)އެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުންދާއިރު، ވަގަށްނަގައިގެން އެކި މީހުން ވިއްކާ ތަކެތި ނުގަތުމަށާއި، ތުހުމަތުކުރެވޭ އަދި ނުއަގުގައި ތަކެތި ވިއްކާނަމަ ފުލުހުންނަށް އެކަން ރިޕޯޓުކުރުމަށް ފުލުހުންގެ ހިދުމަތުން ވަނީ އިލްތިމާސްކޮށްފައެވެ.