މެދުއިރުމަތީގެ އަސްކަރީ ހަމަނުޖެހުންތައް އިތުރުވެފައިވަނިކޮށް، ސައުދީ އަރަބިއްޔާ އާއި ޕާކިސްތާން އަދި ތުރުކީން ގުޅިގެން ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން، ޕާކިސްތާނުގެ ފޮރިން މިނިސްޓްރީ އާއި ސައުދީ އަރަބިއްޔާގެ ދައުލަތުގެ މީޑިއާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އެއްބަސްވުމަށް އަމަލު ކުރަން ފެށުމާއެކު، އެ ތިން ގައުމުގެ ތެރެއިން އެއްވެސް ގައުމަކަށް ހަމަލާއެއް ދީފި ނަމަ އެއީ އެ ގައުމުތަކަށް ދިން ހަމަލާއެއްގެ ގޮތުގައި ދެކޭނެ ކަމަށެވެ.

އަދި މިއީ މި ތިން ގައުމުން ގުޅިގެން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ސަރަހައްދީ އަދި އެހެން ގައުމުތަކުގައި ސުލްހަ މަސަލަސްކަން ގާއިމްކޮށް، ރައްކާތެރި އަދި ފާގަތި މުސްތަގުބަލެއް ގާއިމު ކުރުމަށް ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ދިފާއީ އެއްބަސްވުމުގައި ސޮއިކޮށްފައި މިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް، އެ ގައުމުގެ އަސްކަރިއްޔާގެ ވެރިޔާ އާސިމް މުނީރުއާ އެކު ސައުދީ އަރަބިއްޔާއަށް ވަޑައިގެން އުމްރާގެ އަޅުކަން އަދާކުރެއްވިތާ އެއް ދުވަސް ފަހުންނެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވެސް ވަނީ ސައުދީ އަރަބިއްޔާއަށް ވަޑައިގެން ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ ބައްދަލު ކުރައްވައިފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކަށް ފަހު ސައުދީ އަރަބިއްޔާ އާއި ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ޖަމާއަތާއި އިރާގުގައި ހަރަކާތްތެރިވާ ޝީއީ ޖަމާއަތްތަކުން ދަނީ ތަކުރާރުކޮށް ސައުދީއަށް ހަމަލާތައް ދެމުންނެވެ.