މިދިޔަ އަހަރު ރާއްޖޭގައި އުފަންވި ކުދިންގެ ތެރެއިން އެންމެ ގިނަ ކުދިން ވިހާފައި ވަނީ މާލޭ ސިޓީގައި ކަމަށް ހެލްތު މިނިސްޓްރީއާއި ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސް ހިސާބުން ދައްކައިފިއެވެ.
މިނިސްޓްރީ އޮފް ހެލްތުގެ ސްޓެޓިސްޓިކްސް އިން ދައްކާ ގޮތުގައި މިދިޔަ އަހަރު 5،625 ކުދިން އުފަންވިއެވެ.
އޭގެ ތެރެއިން 3،927 ކުދިން އުފަންވެފައިވަނީ މާލެއަށެވެ. ބާކީ 1،698 ކުދިންނަކީ އަތޮޅުތެރޭގައި އުފަންވެފައިވާ ކުދިންނެވެ.
މާލެއަށް ފަހު ދެން އެންމެ ގިނައިން ކުދިން ވިހާފައިވަނީ ހދ. އަތޮޅުގައެވެ. އެ އަތޮޅުގައި 385 ކުދިން މިދިޔަ އަހަރު އުފަންވެފައިވެއެވެ.
އަދި އައްޑޫ ސިޓީގައި ވަނީ 241 ކުދިން އުފަންވެފައެވެ. އެންމެ މަދުން ކުދިން ވިހާފައިވާ ރަށްތަކުގެ ތެރޭގައި ކ. އަތޮޅުގެ ރަށްތައް ހިމެނެއެވެ. އެގޮތުން ކ. އަތޮޅުގެ ރަށްތަކުގައި އުފަންވެފައިވަނީ އެންމެ ކުއްޖެކެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އެންމެ ކުޑަ އާބާދީއެއް އޮންނަ ވ. އަތޮޅުގައި މިދިޔަ އަހަރު އެއްވެސް ކުއްޖަކު އުފަންވެފައެއް ނުވެއެވެ.

