ހުޅުމާލެ ޓްރެފިކް ފުލުހުން ކުރިއަށް ގެންދިޔަ މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ މަގުމަތީގައި ހިނގާ އެކްސިޑެންޓުތައް މަދުކޮށް، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރައްޔިތުން ހޭލުންތެރިކުރުވައި، މަގުތަކަކީ އެންމެނަށް އަމާން ރައްކާތެރިތަނަކަށް ހެދުމަށާއި ބަދަހި އަދި އަމާން މުޖުތަމައެއް ބިނާކުރުމެވެ.
ހުޅުމާލެ ފޭސް 1 އަދި 2 ގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ހުޅުމާލެ ޕޮލިސް ކޮމާންޑު ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް އަބްދުﷲ ބައިވެރިވެލެއްވިއެވެ.
ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެގެން އިއްޔެ ކުރިއަށް ގެންދިޔަ މި ހަރަކާތުގެ ތެރެއިން، އުޅަނދު ދުއްވާ މީހުންނާއި މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނާ ބައްދަލުކޮށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އެގޮތުން، އުޅަނދު ދުއްވާއިރު ތިމާއާއި އަނެކުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭނެ ކަންކަން ކިޔައިދީފައިވެއެވެ.
އަދި ކަނޑައެޅިފައިވާ މިންގަނޑަށްވުރެ ބާރަށް އަދި ނުރައްކާތެރިކޮށް އުޅަނދު ނުދުއްވުމަށާއި މަގުހުރަސްކުރާ މީހުންނަށް އިސްކަންދީ އަދި ރައްކާތެރިކަމާއެކު އުޅަނދު ދުއްވުމަށް ކިޔައިދީފައިވެއެވެ.
އަދި، ހިނގާބިނގާވެ އުޅޭ މީހުން ވެސް ދުއްވާއެއްޗިއްސަށް ސަމާލުކަންދިނުމަށާއި މަގުހުރަސްކުރާނަމަ މަގުގެ ދެކޮޅު ބަލައި ރައްކާތެރިކަން ކަށަވަރުކުރުމަށް ކިޔައިދީފައިވެއެވެ.

