’ދަތިވެއްޖެ‘ ގެ ނަމުގައި، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ މުޒާހަރާ މަޖީދީ މަގުގައި ނޫނީ ކުރެވެން ނެތް ކަމަށް އެ ޕާޓީން ބުނެފިއެވެ.
މި މުޒާހަރާ ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާތީއާއި، އާންމު ރައްޔިތުންނަށް ދިރިއުޅުމުގައި ކުރިމަތިވަމުންދާ ދަތިތަކާ ގުޅިގެން ކަމަށް އެމްޑީޕީން ބުނެއެވެ.
އެ މުޒާހަރާއާ ގުޅޭ ގޮތުން އެ ޕާޓީން އިއްޔެ ވަނީ ފުލުހުންނާ ބައްދަލުކޮށްފައެވެ.
މުޒާހަރާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ވިދާޅުވީ މުޒާހަރާއާ ކުރިއަށް ގެންދާނެ މަގަކާ ގުޅޭ ގޮތުން ފުލުހުންނާ މަޝްވަރާކޮށް، މަޖީދީ މަގުން މުޒާހަރާ ކުރިއަށް ގެންދާ ގޮތަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިކަމަށް ވެރިންނާ މަޝްވަރާ ކުރުމަށް ފަހު ޖަވާބެއް ދޭނެ ކަމަށް ފުލުހުންގެ އިދާރާ އިން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ ވާހަކަ އަކީ އިތުރު އެހެން މަގެއް ނެތޭ، އަޅުގަނޑުމެން ހަމަ ދާނީ މަޖީދީ މަގުންނޭ އެއީ އަޅުގަނޑުމެންގެ ގާނޫނު އަޅުގަނޑުމެންނަށް ދީފައިވާ ހުއްދައެއްގެ ދަށުން އަޅުގަނޑުމެން އެ އިހުތިޖާޖު ކުރެވޭނެ ކަމަށް ގަބޫލު ކުރެވޭތީ.“ އޭނާ ވިދާޅުވިއެވެ.
’ދަތިވެއްޖެ‘ މުޒާހަރާ ފަށާނީ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައެވެ.

