އެމްޑީޕީއާއި ރައީސް ޑރ. މުހައްމަދު މުއިއްޒާ ދެމެދު އިހުތިޔާރު ކުރަން ޖެހިއްޖެނަމަ، އެމަނިކުފާނު އިހުތިޔާރު ކުރައްވާނީ ރައީސް މުއިއްޒު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައި ވަނީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެމްޑީޕީއަށް ދިވެހި ރައްޔިތުން ދެ ދައުރު ވެރިކަން ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށާއި، އެ ޕާޓީއަށް ގައުމުގެ ކަންކަން އިސްލާހު ނުކުރެވޭކަން ފާހަގަކުރައްވައި، ރައީސް ޔާމީން ވިދާޅުވީ، ދުވަހުގެ ކޮންމެ ވަގުތެއްގައި، އަދި އަހަރުގެ ކޮންމެ ދުވަހެއްގައި ވެސް، އެމްޑީޕީގެ މައްޗަށް އެމަނިކުފާނު އިހުތިޔާރު ކުރައްވާނީ ރައީސް މުއިއްޒު ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގަައި ރައްޔިތުންނަށް ”އެޖެންޑާ 19“ ވިއްކި ކަމަށާއި، ނަމަވެސް އެ ވެރިކަމުގެ ފަސް އަހަރު ނިމުނުއިރު ވެސް، އޭގެ އެއްވެސް ރާހަތެއް ލިބުނު ރައްޔިތަކު ނެތް ކަމަށެވެ.
”ދެ ދައުރު އަޅުގަނޑުމެންނަށް ފެނިއްޖެ، ދެ ދައުރު ފެނުނުއިރު އަޅުގަނޑުމެންނަކަށް އެބޭފުޅުން އެ ވިދާޅުވާ މޮޅު ކަންތައްތަކުގެ ތެރެއިން، ހަމަ އެއްވެސް ކަމެއް ދިވެހިން ރަހަ ބަލާލާކަށް، ވަސް ބަލާލާކަށް ނުލިބޭ. އެހެންވީމަ، އެ ތަޖުރިބާ، އެ ހަނދާންތައް ދިވެހީންގެ ހުންނާނެ.“ ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން އެމްޑީޕީއަކީ ޑިމޮކްރަސީގެ ހުރިހާ އަސާސްތަކަށް ފާޅުގައި އަރައިގަތް ބައެއްކަން ފާހަގަކުރައްވައި، ހަމައެކަނި ނަމުން ޑިމޮކްރަޓިކް ވުމަކީ ޑިމޮކްރަސީ ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

