2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ހުންނަވާނީ، ރައީސް ޑރ.މުހައްމަދު މުއިއްޒު ހޮވުމަށް ”ފޫގަޅާލައިގެން“ ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕީޖީ ލީޑަރު، އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

”އެކްސް“ގައި އިއްޔެ ފަލާހު މިހެން ވިދާޅުވިިއިރު، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ރައީސް މުއިއްޒުގެ ތެރެއިން އިހްތިޔާރު ކުރައްވާނީ ރައީސް މުއިއްޒު ކަމަށް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި، ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީއަށް ދިވެހި ރައްޔިތުން ދެ ދައުރު ވެރިކަން ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށާއި، އެ ޕާޓީއަށް ގައުމުގެ ކަންކަން އިސްލާހު ނުކުރެވޭކަން ފާހަގަކުރައްވައި، ރައީސް ޔާމީން ވިދާޅުވީ، ދުވަހުގެ ކޮންމެ ވަގުތެއްގައި، އަދި އަހަރުގެ ކޮންމެ ދުވަހެއްގައި ވެސް، އެމްޑީޕީގެ މައްޗަށް އެމަނިކުފާނު އިހުތިޔާރު ކުރައްވާނީ ރައީސް މުއިއްޒު ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގަައި ރައްޔިތުންނަށް ”އެޖެންޑާ 19“ ވިއްކި ކަމަށާއި، ނަމަވެސް އެ ވެރިކަމުގެ ފަސް އަހަރު ނިމުނުއިރު ވެސް، އޭގެ އެއްވެސް ރާހަތެއް ލިބުނު ރައްޔިތަކު ނެތް ކަމަށެވެ.

”ދެ ދައުރު އަޅުގަނޑުމެންނަށް ފެނިއްޖެ، ދެ ދައުރު ފެނުނުއިރު އަޅުގަނޑުމެންނަކަށް އެބޭފުޅުން އެ ވިދާޅުވާ މޮޅު ކަންތައްތަކުގެ ތެރެއިން، ހަމަ އެއްވެސް ކަމެއް ދިވެހިން ރަހަ ބަލާލާކަށް، ވަސް ބަލާލާކަށް ނުލިބޭ. އެހެންވީމަ، އެ ތަޖުރިބާ، އެ ހަނދާންތައް ދިވެހީންގެ ހުންނާނެ.“ ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވީ، ޒަމާނެއްގެ ކޮޅުން އެމްޑީޕީއަށް ވެރިކަން ލިބުނަސް ރައީސް ޔާމީން އަނެއްކާ ވެސް މާފުށްޓަށް ބަދަލުކޮށް އަނިޔާވެރިވާނެކަން އެމަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމުގައެވެ.

”ރާއްޖެ އަނެއްކާ އިނދަ ޖައްސާލާނެ ބަހާއަމަލާ ދިމާނުވާނެ.“ އޭނާ ލިޔުއްވައިފައިވެއެވެ.