ނިމުނު ހަފްތާގެ ތެރޭގައި އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ އަލިފާނުގެ ހާދިސާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ެއެ މުއައްސަސާއިން ބުނީ، ފާއިތުވި ހަފްތާގެ ތެރޭގައި ކުއްލި ނުރައްކަލުގެ 13 ހާދިސާއަކަށް އެޓެންޑްވެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް (އެފްއާރްއެސް) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ހާދިސާތައް ހިނގާފައިވަނީ މި މަހުގެ ދެވަނަ ދުވަހުން ފެށިގެން އަށްވަނަ ދުވަހުގެ ނިޔަލަށެވެ.

މި ހުރިހާ ހާދިސާތަކަކީ ވެސް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން އެޓެންޑްވެ އެހީތެރިކަން ފޯރުކޮށްދީފައިވާ މައްސަލަތަކެއް ކަމަށް ވެސް އެ މުއައްސަސާއިން ބުނެފައިވެއެވެ.

ތަފާސް ހިސާބުތަކުގައިވާ ގޮތުން، ނިމުނު ހަފްތާގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އަލިފާނުގެ ހާދިސާތަކާއި ހެޒްމެޓް އިންސިޑެންޓްތަކެވެ.

އެގޮތުން، އަލިފާނުގެ ތިން ހާދިސާއަކާއި ތިން ހެޒްމެޓް އިންސިޑެންޓަކަށް އެފްއާރްއެސްއިން ވަނީ ހަރަކާތްތެރިވެފައެވެ.

މީގެ އިތުރުން، ފެން ބޮޑުވުމުގެ ދެ ހާދިސާއަކާއި، މީހުން ސަލާމަތްކުރުމުގެ ދެ ހާދިސާއެއްގެ އިތުރުން މެޑިކަލް އިމަޖެންސީގެ އެއް ހާދިސާއާއި އެހެނިހެން އެއް ހާދިސާއަކަށް އެމްއެންޑީއެފުން ވަނީ އެޓެންޑްވެފައެވެ.