ރައީސަ، ”ޕީޖީއޯ 2.0“ އިފްތިތާޙުކޮށްދެއްވީ، ބަރސެލޯ ނަސަންދުރާގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައެވެ.
ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ މައިގަނޑު ތަޞައްވުރަކީ 2028 ވަނަ އަހަރާ ހަމައަށް އަންނައިރު، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަކީ، އިންސާނީ ޙައްޤުތައް ކޮންމެ މަރުހަލާއެއްގައިވެސް ރައްކާތެރިކުރެވިފައިވާ، އަމިއްލަ ސިޔާދަތީ ބާރުލިބިގެންވާ، ފުރިހަމައަށް ޑިޖިޓަލައިޒްކުރެވިފައިވާ، ސުލޫކީ ހެޔޮ މިންގަނޑުގައި ނަޒާހަތްތެރިކަމާއެކު، ދެފުށް ފެންނަ ޕްރޮސެކިއުޝަން ހިދުމަތެއްދޭ ތަނަކަށް ހެދުމެވެ.
މި ޕްރޮގްރާމުގެ ދަށުން ޕީޖީ އޮފީހުގައި މިހާރު ބޭނުންކުރަމުންއަންނަ ކޭސް މެނޭޖްމަންޓް ސިސްޓަމް ”މަފިނި“ އިތުރަށް ފުރިހަމަކޮށް، އޭއައިގެ ގާބިލުކަން އެ ސިސްޓަމާ ގުޅުވާލެވޭނެއެވެ.
އެގޮތުން، މީގެތެރޭގައި ގާނޫނީ ލިޔެކިއުންތައް ދިރާސާކުރުމާއި، ދައުވާ ފޯމުތަކުގެ ހުލާސާ އެކުލަވާލުމާއި، އައިޑެންޓިޓީ ޗެކްކުރުމާއި، ހެކިބަހާއި ލިޔެކިއުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ އިތުރުން، އާންމުންނަށް މަޢުލޫމާތާއި އިރުޝާދު ފޯރުކޮށްދޭ ”ސިޓިޒަން އޭޖެންޓް“ ހިމެނެއެވެ.
މި ސިސްޓަމް ފަރުމާކުރެވިފައިވަނީ ދިވެހިބަހަށް އިސްކަންދީގެންނެވެ.
އަދި މައްސަލަތަކުގެ މައުލޫމާތާއި ސިސްޓަމްތައް ބެލެހެއްޓޭނީ ދިވެހިރާއްޖޭގެ އަމިއްލަ ސިޔާދަތީ ކޮންޓްރޯލްގެ ދަށުގައި، ޕީޖީ އޮފީހުގެ އަމިއްލަ ބިނާރުގައެވެ.
އޭ.އައި ވަސީލަތްތައް ބޭނުންކުރި ކަމުގައިވީނަމަވެސް، ކުށުގެ ދަޢުވާކުރުމާއި ނުކުރުމުގެ ފަހު ނިންމުން ނިންމާނީ އޭއައި ނޫންކަމަށާއި، އެ ފަދަ އެންމެހައި ނިންމުންތައް ނިންމުމުގެ ފުރިހަމަ އިހުތިޔާރާއި މަސްއޫލިއްޔަތު އޮންނާނީ ގާނޫނީ ގޮތުން އައްޔަންކުރެވިފައިވާ ޕްރޮސެކިއުޓަރުންގެ އަތްމަތީގައިކަން ޕީޖީ އޮފީހުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
އެ އޮފީހުން އިންތިޒާމުކުރައްވައިގެން މިއަދު ހެނދުނު ކުރިއަށްގެންދެވި ރަސްމިއްޔާތުގައި، ހެއްކާ ބެހޭ ގާނޫނުގެ އުސޫލުތައް އަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތް އޮޅުންފިލުވައިދެއްވައި އިތުބާރުހުރި މަސްދަރެއްގެ ގޮތުގައި އެ އޮފީހުގެ އެކަޑަމީން ތައްޔާރުކުރައްވާފައިވާ ފޮތް، ”އެވިޑެންސް، އަ ޕްރެކްޓިޝަނަރޒް ގައިޑް“ ނެރެދެއްވުން އޮތެވެ.
ހަމަމިއާއެކު، އެ އޮފީހުގެ އައު ވެބްސައިޓް ލޯންޗްކުރެއްވުންވެސް މިއަދުގެ ރަސްމިއްޔާތުގައި އޮތެވެ.
މިއާއެކު، ޕީޖީ އޮފީހަކީ ސައްތަ އިންސައްތަ އާރް.ޓީ.އައި ކޮމްޕްލަޔަންޓް އިދާރާއަކަށްވެސް ވަނީ ވެފައެވެ.
މީގެ އިތުރުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފޯރުކޮށްދެއްވާ ހިދުމަތްތައް އޮންލައިންކޮށް ހޯއްދެވުމަށް އެ އޮފީހުން ތައްޔާރުކުރެއްވި ”އީދޮރޯށި“ އިފްތިތާހު ކުރެއްވުމާއި، ޖިނާއީ ޢަދުލުގެ ނިޒާމާ ގުޅުންހުރި އެންމެހައި ގާނޫނުތަކާއި، ގަވާއިދުތަކާއި، އުސޫލުތަކާއި، މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތައް އެއްތަނަކުން ފެންނާނެ ގޮތަށް ފަރުމާކުރެވިފައިވާ ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަން ”ލެތުން“ އިފްތިތާޙުކުރެއްވުންވެސް މިއަދުގެ ރަސްމިއްޔާތުގައި އޮތެވެ.

