ރާއްޖެއިން ފެނުނު ހިމަބިހީގެ ޖުމްލަ ކޭސްތަކުގެ އަދަދު 216 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މިއަދު އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ހަފުތާގައި ހިމަބިހީގެ 17 ކޭސް މާލެ ސަރަހައްދުން ފެނިފައިވެއެވެ.

އެހެންކަމުން، މި އަހަރުގެ މިހާތަނަށް ހިމަބިހީގެ ޖުމްލަ ކޭސްތަކުގެ އަދަދު ވަނީ 216 އަށް އަރާފައެވެ.

ހިމަބިހި ފެތުރެމުންދާތީ ވެކްސިން ދޭން ފަށާފައިވާއިރު، މިހާތަނަށް 14،701 މީހަކަށް ވެކްސިން ދީފައިވެއެވެ.

އެގޮތުން ހިމަބިހީގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާކަން ޔަގީންނުވާ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަަމަ ކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ގައިގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ.

މިފަަދަ އަލާމާތެއް ފެންނަނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި ފަރުވާ ހޯދުމަށް ދާއިރު މާސްކް އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ހިމަބިސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވެއެވެ.