ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދު، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސައިބަ ސެކިއުރިޓީގެ ވެރިޔާ ޑރ. މުހައްމަދު އަލް ކުވެއިތީ އާއި އެ ގައުމުގެ އިސްވެރިންގެ މައްޗަށް އެކުލެވޭ ވަފްދަކާ ބައްދަލުކުރައްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޔޫއޭއީގެ ވަފްދުގެ ބޭފުޅުންނާއި ދިވެހި ފުލުހުންގެ ހިދުމަތުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ދެ ފަރާތުގެ ދެމެދުގައި އޮތް ގާތް ގުޅުން ފާހަގަކުރައްވައި، ޔޫއޭއީ އިން ދިވެހި ފުލުހުންނަށް ދެމުންދާ އެހީތެރިކަމަށްޓަކައި ކޮމިޝަނަރ ޝުކުރު އަދާކުރެއްވިއެވެ.

ފުލުހުން ބުނީ މިބައްދަލުވުމުގެ މަޝްވަރާތައް ބިނާކޮށްފައިވަނީ ޔޫއޭއީ ސަރުކާރުގެ އެހީތެރިކަމާއެކު ދިވެހި ފުލުހުންގެ އިންވެސްޓިގޭޝަން އަދި އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް މިހާރު ކުރިއަށްދާ ޕްރޮޖެކްޓުތަކާ ގުޅޭގޮތުން ކަމަށެވެ.

އަދި މި މަސައްކަތްތައް ކުރިއަށް އޮތް ތަނުގައި އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ހިޔާލު ބަދަލުކުރެވުނު ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން ފުލުހުންގެ އިންސާނީ ވަސީލަތް ބިނާކުރުމުގެ މުހިންމު ކަމަށް ބަލައި، ދިވެހި ފުލުހުންނަށް ބޭނުންވާ އިތުރު ތަމްރީނުތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށްވެސް ބުންޏެވެ.

ހާއްސަކޮށް ދުނިޔޭގެ ޓެކްނޮލޮޖީއަށް އަންނަމުންދާ ހަލުވި ބަދަލުތަކާއެކު ސައިބަ ސެކިއުރިޓީ ވަރުގަދަކުރުމުގެ މުހިންމުކަން ފާހަގަކޮށް، ފުލުހުންގެ ސައިބަ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރު އިތުރަށް ތަރައްގީކޮށް ހަރުދަނާކުރުމާ ގުޅޭގޮތުންވެސް ވާހަކަ ދެކެވުނު ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ޔޫއޭއީ ވަފްދުގެ ބޭފުޅުން ކޮމިޝަނާ އޮފް ޕޮލިސްގެ އިތުރުން މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާނާވެސް ބައްދަލުކުރައްވާފައިވެއެވެ.