Advertisement
”އަންނަ އަހަރު 55 ރަށެއްގެ ކައުންސިލް އިމާރާތުގެ މަސައްކަތް ނިމޭނެ“
އަންނަ އަހަރުގެ މެދުތެރޭގައި 55 ރަށެއްގެ ކައުންސިލް އިމާރާތުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ސިލްސިލާކޮށް ގެނެސްދޭ ”ދަ ޕަލްސް“ ގެ ހަ ވަނަ އެޕިސޯޑުގައި ރައީސް މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަކީ އެމަނިކުފާނުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ.
އަދި އެމަނިކުފާނާ ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު، ފާހަގަވެގެން ދިޔައީ ރަށްރަށުގެ ކައުންސިލު އިދާރާތައް ހުރީ ވަރަށް ނިކަމެތިކޮށް ކަމަށެވެ.
”އަޅުގަނޑު ހުރިހާ ރަށަކަށް ދިޔައިރު، ވަރަށް ގިނަ ރަށްތަކުން ފާހަގަވީ ބޮލަށް ވެއްޓޭ ހިސާބުގައި އެބަހުރޭ ބައެއް ކައުންސިލް އިދާރާތައް، އޮފީސްތައް އަދި ފާރުތަކުން ކުލަ ފައިބާ، ފަންގަސް ޖަހައި، އިންސާނުން ބޭނުންކޮށްގެން ނުވާނެ ފަދަ އިމާރާތްތަކުގައި ކައުންސިލްތައް ހިންގާ،“ ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ރަށްރަށުގައި ކައުންސިލް އިމާރާތްތައް އަޅަން ނިންމީ ރައްޔިތުންނަށް ފައިދާއަށެވެ.