އެކަމަނާ މިފަދައިން ވިދާޅުވީ، ”ވިލުންތެރި ކަނބަލުން“ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ ވަނީ، އަންހެނުންނަކީ ގައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވައި، ގައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމުގައި ވިދާޅުވެފައެވެ.
އަދި އެކަމަށް މަގުތައް ތަނަވަސްވެ ފުރުސަތުތައް ފަހިވާނެ މި ފަދަ ޕްރޮގްރާމުތައް ހިންގެންވާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.
އިސްލާމްދީން ވަނީ އަންހެނުންނާ ފިރިހެނުންގެ މެދުގައި ޢަދުލު ގާއިމުކޮށްދެއްވާފައި ކަމަށާއި، އިސްލާމީ ތާރީހު ވަނީ އަންހެނާގެ ދައުރު ދިރިއުޅުމުގެ އެތައް މައިދާނަކުން ތަމްސީލުކޮށްދީފައިކަން ހަނދާންކޮށްދެއްވައި، ވާހަކަފުޅު ކުރިއަށްގެންދަވަމުން މެޑަމް ވަނީ، ރާއްޖޭގެ ތާރީހަށް ބަލާއިރު، ދިވެހި އަންހެނުންނަކީ ވަރަށް ނަސީބުވެރިބައެއްގެ ގޮތުގައި ސިފަކުރައްވައި، އެކަމުގެ ބައެއް މިސާލުތައް ހިއްސާކުރައްވާފައެވެ.
އިސްލާމީ ތާރީހު އަންހެނުންނަށް ގޮވާލަނީ، އުއްމަތް ބާރުވެރިކުރުވައި، މުޖުތަމައު ގަދަރުވެރިކުރުވައި، މުރާލި ހީވާގި ހުނަރުވެރި ހުލްގު ހެޔޮ ބަޔަކަށްވުމަށްކަން ހަނދާންކޮށްދެއްވަމުން އެކަމަނާ ވަނީ، ދިވެހި އަންހެނުންގެ ވިލުންތެރިކަން، އަދި ވިސްނުންތެރިކަމާއި މަސައްކަތްތެރިކަން އަބަދުވެސް ދިވެހި ގައުމަށް ބޭނުންވާނެކަމުގައި ވިދާޅުވެފައެވެ.
އަދި، ދިވެހީންގެ މި ހަމަހަމަ ސަގާފަތް ދަމަހައްޓައި، ފިކުރީ ގޮތުންނާއި އަމަލީ ގޮތުން ވިލުންތެރި އެތައް އަންހެނުންނެއް ބިނާވެގެންދާ މި ފުރުސަތަކީ ވަރަށް ތާރީހީ ފުރުސަތެއް ކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެކަމަނާ ވަނީ، ”ވިލުންތެރި ކަނބަލުން“ ޕްރޮގްރާމުން ދަސްވެނިވި 8 ބެޗުގެ 170 އަށްވުރެގިނަ ދަސްވެނީންނާ ސެޓްފިކެޓް ހަވާލުކޮށްދެއްވާ، އެ ބޭފުޅުންނާއެކު ހަނދާނީ ފޮޓޯއެއްގައި ބައިވެރިވެވަޑައިގެންފައެވެ.
އަދި މިއަދުގެ ރަސްމިއްޔާތުގައި ހުށައެޅުމެއް ހުށައަޅައިދިން މުހައްމަދު ގާސިމް ޕްރީ ސްކޫލް ބޭންޑުގެ ދަރިވަރުންނާއެކުގައިވެސް އެކަމަނާ ވަނީ ހަނދާނީ ފޮޓޯއެއްގައި ބައިވެރިވެވަޑައިގެންފައެވެ.
”ވިލުންތެރި ކަނބަލުން“ ޕްރޮގްރާމަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކުރިއަށްގެންދެވި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ، އަންހެނުންނަކީ ކޮންމެ ކަމެއްގައިވެސް އެހެން މީހުންނަށް ބަރޯސާނުވެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ފަންނީ ދާއިރާތަކުން ބާރުވެރިކުރުމެވެ.

