ސަރުކާރުގެ އަމާޒަކީ އިގުތިސާދު ފުޅާކުރުން ކަމަށާއި، ކުރިއެރުމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ”ނޭޝަން ޗެޓް“ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ބޭރު ފައިސާގެ މައްސަލަތައް ހައްލުކުރުމަށް އަޅުއްވާ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ ކަމަށާއި، ސިޔާސީ ގޮތުން ވާހަކަތަކެއް ދެކެވުނުކަމުގައިވީނަމަވެސް، ޖުމްލަ ނަތީޖާ ރަނގަޅުވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ރޭގެ ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ތިލަމާލެ ބްރިޖުގެ މަޝްރޫޢު ކުރިއަށްދާގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ތިލަމާލެ ބްރިޖުގެ ފެންވަރާމެދު ދެކެވޭ ވާހަކަތަކަށް އިޝާރާތްކުރައްވަމުން، އެ މަޝްރޫއުގެ ކޮލިޓީ ކަށަވަރުކުރަނީ ސިނަމާލެ ބްރިޖުގެ މަސައްކަތްވެސް ބެލެހެއްޓި ދުނިޔޭގެ މަޝްހޫރު ’އާރޮޕް‘ ކުންފުނިން ކަމުގައި ރައީސް ވިދާޅުވިއެވެ.
މާލެއާއި ވިލިމާލެ މިހާރު ގުޅާލެވިފައިވާއިރު، އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަފުއްޓާ ހަމައަށް މުޅި ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިފަދަ ރޫޙެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އިންޖިނިއަރިން އަދި ސައިންސްގެ ދާއިރާއިން ދިވެހިން ތަމްރީނުކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަންވެސް ފާހަގަކުރައްވާފައެވެ.
އެ ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ވިޔަފާރިއާއި ގާނޫނީ ދާއިރާއަށް ދާ ދަރިވަރުން ގިނަ ނަމަވެސް، ގައުމީ ތަރައްގީއަށް ސިވިލް، އިލެކްޓްރޯނިކް އަދި މެކޭނިކަލް އިންޖިނޭރުން ބޭނުންވާ ކަމުގައި ފާހަގަކުރައްވާފައެވެ.
”ނޭޝަންޗެޓް“ ޕޮޑްކާސްޓުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އިގުތިސާދީ އަދި އުމްރާނީ ތަރައްގީގެ ކަންކަން ކުރިއަށްގެންދެވުމުގައި އެމަނިކުފާނުގެ ސަރުކާރުން އަމަލުކުރާ އުސޫލުތައް ތަފްސީލުކޮށްދެއްވިއެވެ.
އިގުތިސާދީ އިސްލާހުތަކާއި، ތިލަމާލެ ބްރިޖު ފަދަ ބޮޑެތި މަޝްރޫޢުތަކުގެ ފެންވަރު ކަށަވަރުކުރުމުގެ އިތުރުން، އިންޖިނިއަރިން ފަދަ މުހިންމު ދާއިރާތަކުން ދިވެހިން ތަމްރީނުކުރަން އިސްކަންދިނުމަކީ ގައުމުގެ މުސްތަގުބަލު ހަރުދަނާ ބިންގަލެއްގެ މައްޗަށް ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ ދުރުވިސްނުން ރަމްޒުކޮށްދޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

