މީޑިއާތަކަށް ދެއްވި މި ބަސްދީގަތުމުގައި ރައީސް ވަނީ، ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީއެމްސީޕީ)ގެ ދަށުން މާލެއާ ވިލިމާލެއާއި ގުޅިފަޅުގެ އިތުރުން ތިލަފުށި ގުޅުވާލައި އަޅަމުންދާ ބުރިޖު މަޝްރޫއުގެ މި މަސައްކަތަށް އިންޑިއާ ސަރުކާރުން، ހާއްސަ ގޮތެއްގައި އެ އުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދެއްވާ ހާއްސަ އިސްކަން ފާހަގަ ކުރައްވައި އެކަމަށްޓަކައި މޯދީއަށާއި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޖީ. ބާލަސުބްރަމާނިއަންގެ އިތުރުން އެ ގައުމުގެ ސަރުކާރަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރުއަދާކުރައްވާފައެވެ.
މި ހާއްސަ އިސްކަމުގެ ނަތީޖާއެއްގެ ގޮތުން މިއަދު މި ދެރަށް ގުޅާލެވިފައިމިވަނީ މި މަޝްރޫއުގެ މަސައްކަތުގައި ޢަމަލީގޮތުން ހަރަކާތްތެރިވާ ދެ ގައުމުގެ އެކި ފަންތީގެ ޓީމުތަކުން ކުރެއްވި ބުރަ މަސައްކަތުންކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރައްވައި، މި އެންމެހާ ފަރާތްތަކަށްވެސް ހައްގު ޝުކުރު އަދާކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، މި މަސައްކަތް މިދާގޮތަށްގެންގޮސް، އިރާދަކުރެއްވިއްޔާ ގިނަވެގެން އަހަރެއްހާ ދުވަހުގެތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.
އަދި އެ ނިމުން ވެގެންދާނީ، މުޅި މި ގްރޭޓާ މާލެ ސަރަޙައްދުގެ ތަރައްގީއަށް، އިރާދަކުރެއްވިއްޔާ ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވާހަކަފުޅުގައި، މިކަހަލަ މުހިންމު ހުރިހާ މަޝްރޫއުތައް ބާރު ސްޕީޑުގައި ގެންގޮސް ނިންމުމަށް ސަރުކާރުން ދެއްވާ އިސްކަން މި މަޝްރޫއުގެ މަސައްކަތުން ދޭހަވާކަން ފާހަގަކުރެއްވިއެވެ.
މިސަރުކާރު ފެށިގެން އައިއިރުގައި ބޮޑެތި ބައެއް މަޝްރޫޢުތައް އެހާ ބާރު ސްޕީޑުގައި ނުގޮސް އެކި ކަހަލަ މައްސަލަތައް ހުރިކަން ފާހަގަކުރައްވައި، ރައީސް ވަނީ މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު މިފަދަ ބޮޑެތި މަޝްރޫއުތައް އަވަހަށް ނިންމުމަށް ދެއްވަމުންގެންދަވާ ހާއްސަ އަހަންމިއްޔަތު ފާހަގަކުރައްވާފައެވެ.
އެގޮތުން މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު މިވީ ކުރު މުއްދަތުގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލާއި ހަނިމާދޫ އެއަރޕޯޓުގެ އިތުރުންވެސް ނުނިމިހުރި މުހިންމު މަޝްރޫއުތައް ބާރު ސްޕީޑުގައި ގެންގޮސް ނިންމާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅުގައި، ތިލަމާލެ ބުރިޖަކީ މިފަދަ މުހިންމު މަޝްރޫއުއެއް ކަމަށާއި ކުރިއަށްއޮތްތަނުގައިވެސް އިރާދަކުރެއްވިއްޔާ ތަރައްގީގެ މުހިންމު މަޝްރޫޢުތަކަށް ހާއްސަ އިސްކަމެއްދެއްވައިގެން ނިންމަން ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، އިންޑިއާއާ ރާއްޖެއާ ދެމެދުގައި މިއޮތް ގާތްގުޅުން ރަމްޒުކޮށްދޭ މިކަހަލަ މުހިންމު މަޝްރޫޢުތަކަކީ މިސަރުކާރުން ވަރަށް އިސްކަމެއް ދެއްވާނެ މަޝްރޫޢުތަކެއް ކަމުގައި ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، މިފަދަ މަޝްރޫޢުތަކުގެ މަސައްކަތްތައް، ދެ ގައުމުގެ މެދުގައި އޮތް ގާތް ގުޅުން ވަރުގަދަވާނެ ފަދަ ގޮތަކަށް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މިއަދު ބޭއްވި މި ހިނގާލުމުގައި ބައިވެރިވެވަޑައިގެން އިންޑިއާ ސަފީރުވެސް ވަނީ މީޑިއާތަކަށް ބަސްދީގަތުމެއް ދެއްވާފައެވެ.
އެގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި، އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށްގެންދާ މި ބުރިޖު މަޝްރޫޢަކީ އިންޑިއާއިން އެ ގައުމުގެ ބޯޑަރުން ބޭރުގައި ހިންގާ މިފަދަ ޢުމުރާނީ ތަރައްޤީގެ ބިޔަބޮޑު އެންމެ ފުރިހަމަ އެއް މަޝްރޫއުކަމަށާއި މި މަޝްރޫޢު ރާއްޖޭގައި ހިންގޭކަމީ އަދި މި މަޝްރޫޢު ފުރިހަމަވެގެން އަންނަތަން ދުށުމަކީ، އެކަމަށްޓަކައި އުފާ ކުރައްވާ ކަމެއްކަން ހާމަކުރެއްވިއެވެ. އަދި މި މަޝްރޫއު ނިމިގެންދިއުމަކީ އެކަމުން ދިވެހިރާއްޖެއަށާއި ރާއްޖޭގެ އުހުއްވަތްތެރި ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ރައުސުލްމާލަކަށް ވެގެންދާނެކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިއަދުގެ ހިނގާލުން ކުރިއަށްގެންގޮސް ވިލިމާލެއަށް ނިންމާލުމުން ވިލިމާލޭގެ ގިނަ ޢަދަދެއްގެ ރައްޔިތުން ނިކުމެ ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވިއެވެ. މިއަދު ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ހިނގާލުމުގައި ރައީސްގެ އަރިހުގައި ދައުލަތުގެ ވަޒީރުންނާއި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

