މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާއިން ކުރިޔަށްގެންދާ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެމީހުންގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ ”ރިވެލި އެވޯޑު 2026“ އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ރިވެލި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނާއި، އެފަރާތްތަކަށް އިގްތިސާދީ އަދި އިޖުތިމާއީ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ”އޯގާތެރި މުޖުތަމައު“ ގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ހިންގާ މުހިންމު ގައުމީ ހަރަކާތެކެވެ.
މި އެ އެވޯޑު ދިނުމުގެ މަގުސަދަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގުވަޒަންކޮށް، އެފަރާތްތައް ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ހިދުމަތްތައް ފާހަގަކުރުމެވެ.
ހެލްތް މިނިސްޓްރީ މިމަހުގެ ދެ ވަނަ ދުވަހު ކުރި އުލާނުގައިވާ ގޮތުން މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، އިއްޔެގެ 13:00އެވެ.
ނަމަވެސް އެ މުއްދަތު އިތުރުކޮށް މިއެވޯޑަށް ކުރިމަތިލުމުގެ މިހާރުގެ ސުންގަޑިއަކީ، އަންނަ ސެޕްޓެމްބަރުމަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ 13:00އެވެ.
އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ ލިޔުމާއި އެޕްލިކޭޝަން ފޯމް އަދި އެވޯޑު ދިނުމުގެ އުސޫލު މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ، އުމަރު ޒާހިރު އޮފީސް ބިލްޑިންގެ ކައުންޓަރުންނާއި، އެ މިނިސްޓްރީގެ ވެބްސައިޓް health.gov.mv އަދި މިނިސްޓްރީގެ ދަށުން އަތޮޅުތެރޭގައި ގާއިމް ކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުތަކުން ލިބޭނެއެވެ.
ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމުތަކާއި ގުޅުންހުރި ލިޔުންތައް މިނިސްޓްރީގެ ކައުންޓަރަށާއި އަދި މެއިލް އެޑްރެސް disability@health.gov.mv އަށް ހުށަހެޅޭނެއެވެ.

