ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި އުމުރުން ނުވަ އަހަރުގެ ކުއްޖާ ނިޔާވީ ދުއްވާފައި އައި އެހެން ކާރަކުން އެ ކުއްޖާގެ ގައިގައި ޖެހިގެން ނުވަތަ ގައިމައްޗަށް ކާރު އަރައިގެން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 9:04 ހާއިރު، ހުޅުމާލެ ފޭސް 2، ހިތިގަސްމަގު، ވިނަރެސް ޓަވަރު 7 ކައިރީ ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތައް ލިބުނު، އުމުރުން ނުވަ އަހަރުގެ ޒީވާ ސިނާން އަހުމަދު ވަނީ ނިޔާވެފައެވެ.
ފުލުހުން ބުނީ އެ ސަރަހައްދުގެ ވީޑިއޯ ފުޓޭޖާއި އެކްސިޑެންޓް ހިނގި ސީންގެ ތަހުގީގުން މިހާތަނަށް އެނގިފައިވާ ގޮތުގައި، އެކްސިޑެންޓް ހިނގަން މެދުވެރިވީ މަގުގެ އެއްފަރާތުގައި މަޑުކޮށްފައި އޮތް ކާރެއްގެ ޑްރައިވަރު، ކާރަށް އަރަން އުޅުމުގެ ތެރޭގައި ކަމަށެވެ.
އެ ވަގުތު އެ ކާރު އޯވަޓޭކް ކުރަން ދިޔަ ސައިކަލު އެ މީހާގެ ގައިގައި ޖެހި، ސައިކަލު މަގުގެ ކަނާތްފަރާތު ލޭނަށް ވެއްޓުނީ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ސައިކަލު ވެއްޓުނު ވަގުތު އެ ލޭނުން ދުއްވާފައި އައި އެހެން ކާރަކަށް ކުއްލިއަކަށް މަޑުކުރަން ފުރުސަތު ނުލިބި، ސައިކަލުން ވެއްޓުނު ކުއްޖާގެ ގައިގައި ޖެހިފައިވާކަމަށް ނުވަތަ އެ ކުއްޖާގެ ގައިމައްޗަށް ކާރު އަރާފައިވާކަމަށް ތަހުގީގަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.
މިކަން ކަށަވަރުކުރުމަށްޓަކައި ފޮރެންސިކް ތަހުލީލުތައް ކުރުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން، އެކްސިޑެންޓުގައި ހިމެނޭ ތިން އުޅަނދު ޓޯކޮށްފައިވާ އިރު، މަޑުކޮށްގެން އޮތް ކާރުގެ ޑްރައިވަރު އެ އުޅަނދު ދުއްވާފައިވަނީ އޭނާގެ ލައިސަންސް ކުރިންވެސް ހިފަހައްޓާފައި ވަނިކޮށް ކަމަށްވާތީ، ފުލުހުން ވަނީ އޭނާ ޖޫރިމަނާކޮށް ފިޔަވަޅު އަޅައިފައެވެ.

