މަދަނީ ވަކި ހިދުމަތެއްގެ ގޮތުގައި ފާއިތުވި 22 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތް ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައި، ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދެވޭ ފަދަ ގާބިލު މުއައްސަސާއަކަށް ތަރައްގީވެފައި ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް މި ހިދުމަތް އިތުރަށް ތަރައްގީވަމުން ކުރިއަށްދާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަހާ ގުޅިގެން އިއްޔެ ހެނދުނު ބޭއްވި އެކުވެރިކަމުގެ ހިންގާލުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަކުރެއްވި ގޮތުގައި، 1 ސެޕްޓެމްބަރ 2004 ގައި ފުލުހުންގެ ހިދުމަތް ވަކި މަދަނީ މުއައްސަސާއެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔަ ދުވަސްވަރާ އަޅާބަލާއިރު މިއަދު ފުލުހުންގެ މުއައްސަސާއަށް ވަނީ ހުރިހާ ގޮތަކުންވެސް ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ.
މިގޮތުން، ފުލުހުންގެ ހިދުމަތް ވަކިވި ދުވަހު ހުސައިން އާދަމް ބިލްޑިންގ ކުރިމަތީގައި ފުލުހުންގެ ގޮތުގައި އެކުލެވިގެން ދިޔައީ ނިސްބަތުން ވަރަށް މަދު މުވައްޒަފުންކަން ހަނދާން އައުކުރައްވަމުން ކޮމިޝަނަރ ވިދާޅުވީ، ވޭތުވެދިޔަ 22 އަހަރުގެ ތެރޭގައި ފުލުހުންގެ ސަފުތައް އެތައް ގުނައަކަށް އިތުރުވެ، މުއައްސަސާގެ އިންސާނީ ވަސީލަތާއި ގާބިލުކަން އެތައް ގޮތަކުން ފުޅާވެފައިވާ ކަމަށެވެ.
އަދި އެ ތަފާތާއި ހޯދާފައިވާ ބޮޑު ކުރިއެރުން މިއަދު ފެންނަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމިޝަނަރ ވިދާޅުވީ، 2004 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކަނޑައްތުކުރި ދިގު ރާސްތާގައި ދިވެހި ފުލުހުންގެ ހިދުމަތް ބިނާވެފައިވަނީ ރައްޔިތުންނަށް ފުރިހަމައަށް ހިދުމަތް ފޯރުކޮށްދެވޭނެ ވަރުގެ މުއައްސަސާއެއްގެ ގޮތުގައި ކަމަށެވެ.
އަދި ކުރިއަށް އޮތް ތަނުގައިވެސް ފުލުހުންގެ މުއައްސަސާ ދާނީ ތަރައްގީވަމުން ކަމަށާއި، އެންމެ ބޮޑު އަމާޒަކީ ރައްޔިތުން ބަލައިގަންނަ އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ހިދުމަތްތަކެއް ފޯރުކޮށްދޭ މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުން ކަމުގައި ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.
ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ މުނާސަބަތުގައި ކޮމިޝަނަރ ވަނީ ހުރިހާ ފުލުހުންނަށާއި ފުލުހުންގެ އާއިލާތަކަށް ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދީ އަރިސްކުރައްވާފައެވެ.
ހަމައެއާއެކު، ރައްޔިތުންނަށް ހިދުމަތް ދިނުމުގައާއި ގާނޫނީ ޒިންމާތައް އަދާކުރުމުގައި ފުލުހުން އަދާކުރަމުންދާ ބުރަ މަސްއޫލިއްޔަތުތައް ފާހަގަކުރައްވައި ހުރިހާ ފުލުހުންނަށް ކޮމިޝަނަރ ޝުކުރު އަދާކުރެއްވިއެވެ.

