މިދުވަސްވަރު ރާއްޖޭގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ، މި ދުވަސްވަރު މި ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާތީ އާންމު ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.އެގޮތުން ބަލިން ރައްކާތެރިވުމުގެ ގޮތުން ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމާއި، ހާއްސަކޮށް ފާހާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ރަނގަޅަށް އަތްދޮވުމަށް ވަނީ އެދިފައެވެ. އަދި ފާހާނާ ބޭނުންކުރުމަށްފަހު ރަނގަޅަށް ސެނިޓައިޒްކޮށް ސާފުކުރުމަށްވެސް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

ބޭރަށް ހިންގުން ޖެހިއްޖެނަމަ ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށްޓަކައި ގިނަގިނައިން ލޮނުޕެކެޓާއި، ފެން އަދި ސޫޕް ފަދަ ދިޔާތަކެތި ބޭނުންކުރުމަށް އެޗްޕީއޭއިން އިރުޝާދު ދެއެވެ.

އެޗްޕީއޭއިން ވަނީ ގިނަގިނައިން ހޮޑުލެވުމާއި، މާބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުން ކުރެވޭ މިންވަރު މަދުވުމާއި،  ބޮލަށް އެނބުރުން އެރުމާއި، އާދަޔާ ހިލާފަށް ކަރުހިއްކުމާއި، އާދަޔާ ހިލާފަށް ބަނޑުގައި ރިއްސުމާއި،  ލެވޭ ހޮޑުގައި ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރު ހުރުމާއި، ކުޑަކަމުދެވޭ މިންވަރު މަދުވުން ފަދަ އަލާމާތެއް ފެނިއްޖެނަމަ، ޑޮކްޓަރެއްގެ ލަފާ ހޯދަން އެދިފައެވެ.

އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، އަދި އަލާމާތްތައް ރަނގަޅުވި ނަމަވެސް އެއް ދުވަސް ވަންދެން ކުދިން ސްކޫލަށް ނުފޮނުވުމަށާއި، ބޮޑެތި މީހުންވެސް ވަޒީފާއަށް ނުނިކުތުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.