އަންހެން ކުދިންނާއި ޒުވާން އަންހެނުންނަކީ މުސްތަގުބަލުގެ ލީޑަރުންނަށްވުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަ ކުރަމުން އަންނަ ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަހާ ގުޅިގެން ސޯޝަމް މީޑިއާގައި އެ މަނިކުފާނު ވިދާޅުވީ ދުނިޔޭގައި އަންހެން ކުދިންގެ ހައްގުތައް ކުރިއަރުވައި ރައްކާތެރިކުރުމުގެ މަސައްކަތުގައި ބައިނަލްއަގުވާމީ މުޖުތަމައުތަކާ ރާއްޖެއިން ބައިވެރިވާ ކަމަށެވެ.
އަދި އަންހެން ކުދިންނާއި ޒުވާން އަންހެނުންގެ ގާބިލުކަން އެންމެ ފުރިހަމައަށް ބޭނުންކޮށް، އެ މީހުންނަކީ މުސްތަގުބަލުގެ ލީޑަރުންނަށް ހަދަން ފުރުސަތު ފަހިކޮށް ދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްކާތެރި އަދި އެހީތެރިކަން ލިބޭ މާހައުލެއްގައި ގައުމީ ތަރައްގީގައި މާނަހުރި ދައުރެއް އަދާކުރުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް ބޭނުންވާ ސިޔާސަތުތައް ކުރިއެރުވުމަށް ސަރުކާރުން އިސްކަންދޭ ކަމަށެވެ. އަދި އެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، އާއިލާތަކާއި މުޖުތަމައުތަކުން ފެށިގެން ކަމާބެހޭ ހުރިހާ ފަރާތްތަކެއް ހިމެނޭހެން މުޅި މުޖުތަމައުގެ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ އަންހެން ދަރިންގެ ކުރިއެރުމަށް މިއަދު ކުރާ މަސައްކަތަކީ، ހުރިހާ ފަރާތްތަކަށް ހަމަހަމަކަމާއި، ބައިވެރިވުން ލިބިފައިވާ ފާގަތި މުސްތަގުބަލަކަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ.

