ސައުދީ އަރަބިއްޔާގެ ރިޔާޟުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް، ހޫތިން އިއްޔެ ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
މި ހަމަލާގައި 12 މީހުން މަރުވެ، 309 މީހުން ޒަހަމްވެފައިވާ ކަމަށް އެގައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އެވިއޭޝަން (ގާކާ) އިން ވަނީ ހާމަކޮށްފައެވެ.
ހަމަލާ ކުށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އާންމު ރައްޔިތުންނާއި ގައުމުގެ މުހިންމު ވަސީލަތްތަކަށް އަމާޒުކޮށް ދޭ މިފަދަ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށާއި މިއީ ސައުދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ މި ހަމަލާގައި މަރުވި މީހުންގެ އާއިލާތައް ތައުޒިޔާ ފޮނުވަައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިފައެވެ.
އަދި ރާއްޖެ އަބަދުވެސް އޮންނާނީ ސައުދީ އަރަބިއްޔާއާ އެކުކަން ހާމަކޮށްފައިވެއެވެ.

