ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށްވުރެ ބޮޑަށް، މި ސަރުކާރުގެ ކުރީގެ ފޮރިން އަދި ހެލްތު މިނިސްޓަރު ޑރ.އަބްދުﷲ ހަލީލު ރަސްމާލެ މަޝްރޫއުއާ ދެކޮޅު ހެއްދެވުމުން ހައިރާންވެވަޑައިގެންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ރައްދު ދެއްވައިފިއެވެ.

ކުރީގެ މިނިސްޓަރު ހަލީލު، މީސްމީޑިއާ ޕްލެޓްފޯމް ”އެކްސް“ ގައި ލިޔުއްވި މެސެޖުގައި ވިދާޅުވެފައިވަނީ، ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް ނުގެނެސް ތަރައްގީގެ ދުވެލީގައި ކުރިއަރައި ދިއުމަކީ ނާދިރު ކަމެއް ކަމަށެވެ.

އަދި އީގަލް ހިލްސް އިން ރަސްމާލޭގައި ހިންގަން ރާވާ ފަދަ މަޝްރޫއުތައް ރައްޔިތުން އެދޭ ގޮތަށް ހާމަކަން ބޮޑު ގޮތެއްގައި ތަންފީޒުވުމަކީ ކޮރަޕްޝަނާއި ފަސާދައިން ދުރުވެ، މަޝްރޫޢު ކާމިޔާބުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށާއި، އާންމުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު ރަސްމާލެ ޕްރޮޖެކްޓަކީ ވެސް އާދަޔާ ހިލާފަށް ބޮޑު މަޝްރޫއުއެއް ކަމުގައި ހަލީލު ވިދާޅުވިއެވެ.

ރަސްމާލޭގެ އިންވެސްޓްމަންޓާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑެތި އަދި ހައްސާސީ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރައްވައި ހަލީލް ވިދާޅުވީ، ގައުމާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރަން ތިބި ވެރިންގެ ހައިސިއްޔަތުން ސަރުކާރުން ކުރަންވީ ކަމަކީ އެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ފަދަ ޖަވާބުތަކެއް ދިނުން ކަމަށެވެ. އެގޮތުން ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަމަށް ވިދާޅުވެ އޭނާ ވަނީ ސުވާލުތަކެއް ލިޔުއްވައިފައެވެ.

އޭގެ ތެރޭގައި ރަސްމާލެ ހިއްކުމަށް މިހާތަނަށް ދައުލަތުން ހަރަދުކުރި މިންވަރާއި، އެ ބިމާއި ވަށައިގެންވާ ފަޅުގެ އަގުމަގު ކުރެވިފައިވޭތޯ އާއި، އިންވެސްޓްމަންޓުން އަޕްފްރަންޓް ޕޭމަންޓެއް ލިބޭތޯ އަދި އެއީ ކިހާ މިންވަރެއްތޯ ހިމެނެއެވެ.

މީގެއިތުރުން، އިންވެސްޓްކުރާ ފަރާތާއި ސަރުކާރުގެ ބައެއް ވެރިންގެ އަދަދުތަކުގައި ބޮޑެތި ފަރަގުތަކެއް ހުރިކަން ފާހަގަކުރައްވައި، ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އާއި، ވިޔަފާރީގެ ޓެކްސް ނުހިމަނައި މަޝްރޫއުއިން ދައުލަތަށް ނުވަތަ ރައްޔިތުންނަށް ލިބެނީ ކޮން އެއްޗެއްތޯ އަދި އެއީ ކިހާ މުއްދަތެއްގެ ތެރޭގައިތޯ ވެސް އޭނާ ސުވާލު އުފެއްދެވިއެވެ.

ހަމައެއާއެކު، ބިމުގެ މިލްކުވެރިކަން ދޫކުރަނީ ދާއިމަށްތޯ އާއި، މިލްކުވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު 99 އަހަރުގެ މުއްދަތު އަލުން ފެށޭތޯ އަދި 5،000 ހައުސިންގ ޔުނިޓް ބިނާކުރަނީ ދައުލަތަށް ލިބޭ ފައިސާއިންތޯ ނުވަތަ ނޫންތޯ ސާފުކުރަން ޖެހޭ ކަމަށް ޚަލީލް ވިދާޅުވިއެވެ. އަދި މި އިންވެސްޓްމަންޓުގެ ސަބަބުން ދައުލަތުގެ ނުވަތަ ރައްޔިތުންގެ އެއްވެސް ހައްގަކަށް އުނިކަމެއް އާދޭތޯ އާއި، ރައްޔިތުންގެ ފަރާތުން ސާފުކުރަން ބޭނުންވާ މިފަދަ ކަންކަމަށް ސަރުކާރުން އީޖާބީ ޖަވާބުތަކެއް ދިނުން ލާޒިމު ކަމަށްވެސް ހަލީލުގެ މެސެޖުގައި ލިޔުއްވައިފައިވެއެވެ.

”މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ“ ގެ ނަމުގައި ރަސްމާލޭގައި ބޮޑު މަޝްރޫއެއް ހިންގަން ޔޫއޭއީގެ ރިއަލް އެސްޓޭޓްގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އީގަލް ހިލްސްއާ އެކު ސަރުކާރުން ވަނީ ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެއީ 500 ހެކްޓަރުގެ ސަރަޙައްދެއްގައި 20 ބިލިއަން ޑޮލަރުގެ ”ވޯޓަ ފްރަންޓް އެންޑް މެރީނާ“ މަޝްރޫއެއް 10 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ތަރައްގީކުރުމަށް ވެފައިވާ އެއްބަސްވުމެކެވެ.

އަދި އެ މަޝްރޫއުގެ ދަށުން ދިރިއުޅޭނެ ގެދޮރާއި ހޮޓާތަކާއި ރިސޯޓުތަކާއި މެރީނާގެ އިތުރުން ފިހާރަތަކާއި އޮފީސްތަކާއި ތައުލީމީ އަދި ސިއްހީ ހިދުމަތްދޭ މަރުކަޒުތައް ގާއިމުކުރުމަށް ވަނީ ޕްލޭންކޮށްފައެވެ.