ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ވެގެންދާނީ އުފެދުމުގައިވެސް ބާތިލު އެއްޗަކަށް ކަމަށް އިދިކޮޅު އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ.
”މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ“ ގެ ނަމުގައި ރަސްމާލޭގައި ބޮޑު މަޝްރޫއެއް ހިންގަން ޔޫއޭއީގެ ރިއަލް އެސްޓޭޓްގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އީގަލް ހިލްސްއާ އެކު ސަރުކާރުން ވަނީ ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
”ރާއްޖެ ޓީވީ“ގައި ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވީ، ރަސްމާލެ މަޝްރޫއު ހިންގުމަށް އައު ގާނޫނެއް އެކުލަވައިލާނެ ވާހަކަ ދައްކަމުން އަންނައިރު، މި މަޝްރޫއު ހިންގުމަށް ގާނޫނު ތަންނުދޭ ކަމަށެވެ.
”އެހެންވީމަ، އަޅުގަނޑުމެން މިއަށް ކިޔަން ޖެހޭނީ، އައުމުގައި ވެސް ބާތިލު އެއްބަސްވުމެކޭ.“ އޭނާ ވިދާޅުވިއެވެ.
ނާޒިލް އިތުރަށް ވިދާޅުވީ ރަސްމާލެ މަޝްރޫއުއާމެދު އޮތް އެއް ކަންބޮޑުވުމަކީ އީގަލް ހިލްސް އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ 5000 ފްލެޓުގެ ބަދަލުގައި، ރަސްމާލޭގެ ބޮޑު ބިން މުއްދަތެއް ނެތްގޮތަށް ދޫކޮށްލަން ޖެހުން ކަމަށެވެ. އޭނާ ވިދާޅުވީ ރަސްމާލެ ހިއްކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ އެތައް ކަމެއް ގުރުބާން ކުރުމަށްފަހުގައި ކަމަށާއި، މި މަޝްރޫއުގެ ސަބަބުން އެތައް ޑޮލަރެއް ބޭރުވެއްޖެ ކަމަށެވެ.
ރަސްމާލެ ހިއްކުމަށް ހޭދަވި ފައިސާގެ މިންވަރާއި، އީގަލް ހިލްސް ކުންފުންޏަށް އެ ތަން ތަރައްގީ ކުރުމަށް ހަވާލު ކުރުމުން، އެޑްވާންސްގެ ގޮތުގައި ރައްޔިތުންނަށް ނުވަތަ ދައުލަތަށް ލިބޭނީ ކިހާ ފައިސާއެއްްކަން ވެސް ރައްޔިތުންނަށް އެނގެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
”5000 ފްލެޓު އަޅަންޖެހެނީ ހަމައެކަނި ހުޅުމާލޭގައިތޯ؟ މާލެ ސަރަހައްދަށް މީހުން ޖަމާކުރުމުގެ ވިސްނުން އެކަނިތޯ ގެންގުޅުއްވަން ޖެހެނީ؟ އެވެސް ހަމަ އަޅުގަނޑުމެން ރަށްރަަށަށް ދިޔައީމަ، އަޅުގަނޑުމެންނާ ކުރެވޭ ސުވާލު.“ ނާޒިލް ވިދާޅުވިއެވެ.
ރަސްމާލެ ތަރައްގީ ކުރުމުގެ އެއްބަސްވުމަކީ 500 ހެކްޓަރުގެ ސަރަޙައްދެއްގައި 20 ބިލިއަން ޑޮލަރުގެ ”ވޯޓަ ފްރަންޓް އެންޑް މެރީނާ“ މަޝްރޫއެއް 10 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ތަރައްގީކުރުމަށް ވެފައިވާ އެއްބަސްވުމެކެވެ. މިއީ ރާއްޖެއަށް މިހައިތަނަށް ލިބުނު އެންމެ ބޮޑު އިންވެސްޓްމަންޓުކަން ފާހަގަކޮށްލެވެއެވެ.

