ހައްޖުވެރިންނަށް ހައްޖަށް ދިޔުމަށް ދައްކަންޖެހޭ ޚަރަދު މަދުކޮށް، މިހާރު ދައްކަމުންދާ އަގު ކުޑަ ކުރުމަށް ސަރުކާރުން މަސައްކަތް ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީ އާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ހައްޖުވެރިންގެ މާލީ ބުރަ ކުޑަކުރުމެވެ.

މިކަން ހާސިލު ކުރުމަށް، ކުރިއަށް އޮތް ފަސް އަހަރަށް ހިންގާނެ ޕްލޭނެއް ހަދައި، އެ ޕްލޭން ތަންފީޒުކުރުމަށް ކަމާބެހޭ ފަރާތްތައް މަސައްކަތް ކުރަމުންދާކަން ޝަހީމް ފާހަގަކުރެއްވިއެވެ.

ޝަހީމް ވިދާޅުވީ، ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހިންގަމުންދާ ފަސް އަހަރުގެ ޕްލޭންގެ ދަށުން، މި ދެ އަހަރުގެ ތެރޭގައި ހައްޖުގެ ހަރަދު މަދުކުރުމަށް ހައްލެއް ހޯދުމަށް މަސައްކަތް ފަށާނެ ކަމަށެވެ.

މިހާރު ހައްޖަށް ދިއުމަށް ކަނޑައެޅިފައިވާ އަގަކީ ހައްޖު ކޯޕަރޭޝަން އުފެދުނު އަހަރު ކަނޑައެޅި އަގެވެ.

ދުނިޔޭގެ އިގްތިސާދީ ހާލަތާއި ބާޒާރުގެ އަގުތައް ބަދަލުވުމުން ޚަރަދު އިތުރުވިނަމަވެސް، ހައްޖުވެރިންނަށް ދައްކަންޖެހޭ އަގު އެއްވަރަށް ހިފަހައްޓަން ފާއިތުވި ސަރުކާރުތަކުންވެސް މަސައްކަތް ކުރެއްވިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ހައްޖުގެ ހަރަދު މަދުކުރުމަށް އިތުރު ސިޔާސަތުތައް ތަންފީޒުކޮށް، މިހާރު ހައްޖަށް ދިއުމަށް ދައްކަންޖެހޭ އަގުގެ 50 އިންސައްތަ ހައްޖުވެރިޔާއަށް ދައްކަން ނުޖެހޭ ގޮތަށް ހެދުމަކީ ސަރުކާރުގެ އަމާޒު ކަމަށް ޝަހީމް ވިދާޅުވިއެވެ.