މާލޭގައި ބިނާކުރާ ޕާކިން އިމާރާތްތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް އަމާޒުކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިއްޔެ ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ހީނާމާގޭގައި ތަރައްޤީކުރާ ޕާކިންގ އިމާރާތް ކޮންޓްރެކްޓަރަކާ ޙަވާލުކުރުމުގެ އެންމެ ފަހުގެ ކަންކަން މިހާރު ދަނީ ކުރިއަށެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ޖެހިގެން ސޯސަންމަގުގައި އޮންނަ ހުސް ބިމުގައި ވެސް ޕާކިން ފެސިލިޓީއެއް ގާއިމުކުރުމަށް މިހާރު ވަނީ ކަނޑައަޅާފައެވެ.
ސައީދު ވިދާޅުވީ ވަރަށް އަވަހަށް މި މަޝްރޫޢުތައް ބަޔަކާ ޙަވާލުކުރެވިގެންދާނެ ކަމަށާއި، އަމާޒަކީ ދެ އިމާރާތް ވެސް އަންނަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ނިންމައި ބޭނުންކުރަން ފެށުން ކަމަށެވެ.
މާލޭގެ މަގުތަކުގެ ޖާގައިގެ ދަތިކަން ކުޑަކޮށް، އުޅަނދުތައް ޕާކުކުރުމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށްޓަކައި މަގުތަކުގެ ފަރުމާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާކަން ސައީދު ހާމަކުރެއްވިއެވެ.
މިގޮތުން، އެންމެ ފުރަތަމަ މަރުހަލާގައި ހަތަރު މަގެއްގެ ފަރުމާ ބަދަލުކުރުމުގެ ޕްލޭންތައް އެކުލަވާލަމުންދާ ކަމަށާއި، މިކަން ކުރިއަށް ގެންދާނީ ރައްޔިތުންގެ ހިޔާލާއި ފަންނީ ތަޖުރިބާކާރުންގެ ލަފާގެ މަތިންކަމަށް ވިދާޅުވިއެވެ.
އެއްގަމު ދަތުރުފަތުރާ ބެހޭ ޤާނޫނަށް ގެނެވުނު އިސްލާހުތަކާ އެކު، ’ގްރޭޓަރ މާލެ މޮބިލިޓީ އޮފީސް’ގެ މަސައްކަތްތައް ހަރުދަނާވެފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެ އޮފީހަށް އިރުޝާދު ދިނުމަށް ’ރޯޑް ސޭފްޓީ ކައުންސިލް’ގެ ނަމުގައި ހާއްސަ ކޮމިޓީއެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ.

