އެންމެންނަށް ރައްކާތެރި، ފައިދާހުރި އަދި އަގުހެޔޮ ކާބޯތަކެތި ލިބޭކަން ކަށަވަރުކޮށްދޭ، އައު އީޖާދުތަކުގެ މައްޗަށް ބިނާވެފައިވާ، ދެމެހެއްޓެނިވި އަދި ވިލުންތެރި ކާބޯތަކެތީގެ ނިޒާމެއް ޤާއިމުކުރުމުގެ މުހިންމުކަން ދެނެގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވައިލައްވައިފިއެވެ.

އެމަނިކުފާނު މިހެން ގޮވާލައްވާފައިވަނީ، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނުގެ ރަސްމީ މީސްމީޑިއާގައި ޝާއިޢުކުރެއްވި ބަޔާނެއްގައެވެ.

މި އަހަރުގެ ކާބޯތަކެތީގެ ދުވަހުގެ ޝިޢާރު ކަމަށްވާ ”އިނޮވޭޓް ޓުޑޭ- ނަރިޝް ޓުމޯރޯ“ އަކީ، މިއަދު އަޅުގަނޑުމެން ނިންމާ ނިންމުންތަކާއި، ކުރާ ވުނަތަކަކީ، އޭގެ ސަބަބުން އަންނަން އޮތް ޖީލުތަކުގެ ކާބޯތަކެތީގެ ރައްކާތެރިކަން ބައްޓަން ވެގެންދާނެ ގޮތް، ހަނދާންކޮށްދޭ ޝިއާރެއްކަން، އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި އައު އީޖާދުތަކަށް ވުނަކޮށް، ގައުމުގައި ކާބޯތަކެތި އުފައްދާ މިންވަރު ފުޅާކޮށް، ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުން، ދިވެހިރާއްޖެއަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރެވި، ރައްޔިތުންނަށް ދުޅަހެޔޮ، އަދި ދެމެހެއްޓެނިވި މުސްތަޤްބަލެއް ހޯދައިދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެފަދަ ޖަޒީރާ ޤައުމަކަށް، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރެވިފައި އޮތުމަކީ، ޤައުމީ ވިލުންތެރިކަމަށާއި، ދެމެހެއްޓެނިވި އިޤްތިޞާދަށްޓަކައި، ކޮންމެހެން މުހިންމު ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

އަދި އައު ޓެކްނޮލޮޖީތައް ބަލައިގަތުމާއި، ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމަށާއި، ދަނޑުވެރިންނާއި މަސްވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ދިވެހިންގެ އިޖުތިމާއީ ދިރިއުޅުން ދެމެހެއްޓުމަށް ބޭނުންވާ ޤުދުރަތީ ވަސީލަތްތައް ޙިމާޔަތްކުރުމަށް، އެމަނިކުފާނު ބާރުއަޅުއްވާފައި ވެއެވެ.

މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށްޓަކައި ސަރުކާރުން އަޅުއްވާފައިވާ މުހިންމު ފިޔަވަޅުތަކުގެ ތަފްސީލުވެސް ރައީސް ބަޔާނުގައި ހާމަކުރައްވާފައި ވެއެވެ.

އޭގެތެރޭގައި، މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެވޭކަން ކަށަވަރުކުރުމާއި، މަސް ރައްކާކުރުމާއި އަދި މަހުގެބާވަތްތައް އުފެއްދުމަށް ބޭނުންވާނެ ޢުމްރާނީ ތަރައްގީގެ ވަސީލަތްތައް ފުޅާކުރުންފަދަ، ފިޔަވަޅުތައް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން، ދަނޑުވެރިކަން ތަރައްގީ ކުރުމަށްޓަކައި، ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން އެކި ރަށްރަށުގައި ފެށިފައިވާ މަޝްރޫއުތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމަ މިއާއެކު،ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމަށާއި، ތާޒާ މޭވާ ހެއްދުމަށްޓަކައި،ދަނޑުވެރިންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން، ރަށްރަށުގައި ހުރި ހުސްބިންތައް، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ބޭނުންކުރުމަށް ހިތްވަރުދެއްވާފައި ވެއެވެ.

ރާއްޖޭގައި ކާބޯތަކެތި ފޯރުކޮށްދޭ ވިއުގަތައް ވަރުގަދަކުރުމަށާއި، ދަނޑުވެރިންނާއި މަސްވެރިން އުފައްދާ ތަކެތި ވިއްކުމުގެ ފުރުސަތު ފަހިކޮށްދިނުމަށާއި، ދަނޑުވެރިކަމުގެ ދާއިރާއަށް ވުނަކުރާނެ އިތުރު ގޮތްތައް ހޯދުމަށް، ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި، ދިވެހި އުފެއްދުންތެރިންގެ މައުލޫމާތާއި ތަޖުރިބާގެ އަލީގައި، އައު އީޖާދުތައް ބޭނުންކޮށްގެން، އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ރާއްޖެއަށް ކާބޯތަކެތި އެތެރެކުރާ މިންވަރު މަދުކުރުމަށާއި، ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނިޒާމުގެ ވިލުންތެރިކަމާއި ދެމެހެއްޓެނިވިކަން އިތުރުކުރެވިދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމަކީ އެންމެންގެ ޒިންމާއެއްކަން ފާހަގަކުރައްވަމުން، ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމަށާ، ދަނޑުވެރިކަމާއި މަސްވެރިކަންކުރާ ފަރާތްތަކަށް އެއްބާރުލުން ދިނުމަށް، އެންމެހާ ދިވެހިން އެކުގައި މަސައްކަތްކުރުމަށް، ރައީސް ގޮވައިލެއްވިއެވެ.

އަދި އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ، ހުރިހާ ދިވެހިންނަށްވެސް، އަގުހެޔޮކޮށް، ފައިދާހުރި ކާބޯތަކެތި އިތުބާރާ އެކު ލިބިގެންދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައި ވަނީ، ދިވެހިރާއްޖެއަކީ ދަނޑުވެރިންނާއި މަސްވެރިން ބާރުވެރިކުރެވިފައިވާ، ކާބޯތަކެތި އުފައްދާ މިންވަރު އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާ، އަދި ކޮންމެ ގެއަކަށްވެސް ފައިދާހުރިކާނާ، ހެޔޮ އަގުގައި ލިބެން ހުންނަ ޤައުމެއްގެ ގޮތުގައި ހެދުމަށް މަސައްކަތްކުރުމަށް ގޮވައިލައްވަމުންނެވެ.