ސަރުކާރުގެ އަމާޒަކީ އެކަށައެޅިފައިވާ ދަނޑުވެރިކަމުގެ ބާވަތްތައް އިމްޕޯޓް ކުރުމާނުލައި ރާއްޖެއަށް ބޭނުންވާ މިންވަރަށް ހައްދައި، ބާޒާރަށް ނެރެވޭނޭ މަގުފަހިކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދަނޑުވެރިންގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ދަނޑުވެރިންގެ ދުވަހަކީ، ކާބޯތަކެތީގެ ރައްކާތެރިކަން، ގައުމީ ފެންވަރުގައި ކަށަވަރު ކުރުމަށާއި، އިގުތިސޯދު ސިންދަފާތު ކުރުމަށްޓަކައި، ހީވާގި ދިވެހި ދަނޑުވެރިން އަދާކުރާ ދައުރުގެ މުހިންމުކަން ހަނދާންކޮށްދޭ އަގުހުރި މުނާސަބަތެއް ކަމަށެވެ.

ރައީސް ވިދާޅުވީ އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން، ދަނޑުވެރިކަމުގެ ބާވަތްތައް އަމިއްލަ ފަސްގަނޑުގައި އުފެއްދުމަކީ، ގައުމުގެ އިސްތިގުލާލާ ގުޅިފައިވާ ކަމަށެވެ.

”ދުނިޔޭގެ ބާޒާރުގައި، ކާބޯތަކެތީގެ އަގުތަކަށް އަންނަ ލޮޅުންތަކާއި، ދަތުރުފަތުރަށް ދިމާވާ ހުރަސްތަކުން ގައުމު ސަލާމަތްކުރުމަށްޓަކައި، ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމުގެ މުހިންމުކަން މިއަދު އަޅުގަނޑުމެންނަށް ހަނދާން ކޮށްދޭ،“ ރައީސް ވިދާޅުވިއެވެ.

ދަނޑުވެރިކަމުގެ ސިނާއަތު ފުޅާވެގެން ދިޔުމަކީ، ގައުމުގައި ބޭރު ފައިސާ ހިފެހެއްޓި، ރަށްރަށުގައި ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

”ސަރުކާރުގެ އަމާޒަކީ، އެކަށައެޅިފައިވާ ބާވަތްތައް، އިމްޕޯޓްކުރުމާނުލައި، މި ރާއްޖެއަށް ބޭނުންވާ މިންވަރަށް ހައްދައި، ބާޒާރަށް ނެރެވޭނޭ މަގުފަހިކޮށްދިނުން. މި ރޮނގުން، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިންނަށް ނަފާ އިތުރުވާނޭގޮތަށް ކުރިއަށްދެވޭނެ މަގު ކޮށާދިނުމުގެ މުހިންމު މަސައްކަތް މެދުނުކެނޑި ކުރިއަށްގެންދިއުމަކީ އަޅުގަނޑުގެ އަޒުމެއް،“ ރައީސް ވިދާޅުވިއެވެ.