މަގުމަތީގައި އާންމުންނަށް އުނދަގޫކުރަމުން ދިޔަ އަހްމަދު ފައިރިޝް 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު އޭނާގެ ބަންދަށް ދިން 15 ދުވަސް ހަމަވާނީ ނޮވެމްބަރު ދެ ވަނަ ދުވަހަށެވެ.

އޭނާއަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ބިރު ދެއްކުމާއި މުދަލަށް ގެއްލުން ދިނުމުގެ އިތުރުން މާރާމާރީ ހިންގުމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުން ހިމެނެއެވެ.

ކޯޓު އަމުރުގައި ބުނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށެވެ، އެ ގޮތުން އަނިޔާ ލިބުނު ފަރާތުގެ ބަޔާނާއި ފުލުހުންގެ ހާދިސާ ރިޕޯޓާއި ބަންދު ލޮގު ހުށަހަޅާފައިވެއެވެ.

އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ބަންދުގައި ބެހެއްޓުމަށް ނިންމީ ކަމަށް ކޯޓު އަމުރުގައިވެއެވެ.