ށ. ފުނަދޫ ބަނދަރު ސަރަޙައްދުގައި ހުރި ތެޔޮ ޝެޑެއްގައި މިއަދު އަލިފާން ރޯވެ ހިނގި ހާދިސާގައި ހަތަރު ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިއްޖެއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ މި ހާދިސާގައި ރޯވި އަލިފާނުގެ 90 އިންސައްތަ ކޮންޓްރޯލް ވެފައިވާ ކަމަށެވެ. ހާދިސާގެ މައުލޫމާތު އެ މުއައްސަސާއަށް ލިބުނީ މިއަދު ހެނދުނު 8:00 ހާއިރުއެވެ.
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، ރޯވެފައިވާ އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށާއި މި ހާދިސާގައި އެއް ގެއެއް އަނދައި ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ކައިރީގައި ހުރި އިތުރު ތިން ގެއަކަށް ވެސް ވަނީ އަލިފާނުގެ ސަބަބުނަ އެކިވަރުގެ ގެއްލުންތައް ލިބިފައި ކަމަށެވެ.
”ހާދިސާ ހިނގި ސަރަޙައްދުން އަދިވެސް އެއްޗެހި ގޮވާ އަޑު އިވެމުންދާތީ، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ ސަރަޙައްދުގައި ހުރި ގޭގޭގެ މީހުން ވަނީ ރައްކާތެރި އެހެން ގެތަކަށް ވަގުތީ ގޮތުން ބަދަލުކޮށްފައި.“ އެންޑީއެމްއޭ އިން ބުންޏެވެ.
މި ހާދިސާގައި ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްގެން ބައެއް ފަރާތްތަކަށް މިހާރު ދަނީ ފުނަދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އަދި ހާލަތު އިތުރަށް ބަލައި މޮނީޓަރ ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންކަމަށް ފުނަދޫ ކައުންސިލުން ވަނީ ބުނެފައެވެ.
މި ހާދިސާގެ ސަބަބުން އިންސާނީ އެހީތެރިކަން ފޯރުކޮށްދެންޖެހޭ ފަރާތްތައް ދެނެގަނެ އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތަ ކުރަމުންދާ ކަމަށް އެންޑީއެމްއޭ އިން މައުލޫމާތު ދެއެވެ.

