ހއ. ބާރަށުގެ ޖެޓީ އަދި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ހައުސިން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދެވެ.

އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫއުގެ ދަށުން ބާރަށު ބަނދަރުގެ ނެރު ފުންކުރުމާއި، އަލަށް ހަދާ ބަނދަރުގެ ފަޅު ފުންކުރުމުގެ އިތުރުން އެއްގަމު ތޮށިލުމާއި ރޭމްޕު އެޅުމުގެ މަސައްކަތް ހިމެނެއެވެ. އަދި ޑިންގީ އެޅުމަށް ޚާއްސަ ކޮންކްރީޓް ޖެޓީއެއް ގާއިމުކުރުމާއި، ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.

މީގެ އިތުރުން ބަނދަރުގެ ދެ ފަރާތުގެ ވެލިގަނޑު ހިފެހެއްޓުމަށް ރިވެޓްމެންޓް ޖެހުމާއި، ސޭންޑްފިލްޑް ބްރޭކްވޯޓާ ގާއިމުކުރުމާއި، މޫރިން ބޮއި އެޅުމުގެ އިތުރުން ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ.