ތިލަމާލެ ބުރިޖު މަޝްރޫއުގެ ދަށުން ވިލިމާލެ އާއި ގުޅިފަޅު ގުޅާލައިފިއެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބުރިޖު މަޝްރޫއުގައި އަނެއްކާވެސް ހާއްސަ ލަނޑުދަނޑިއެއް ހާސިލުކުރެވިފައިވާ ކަމަށެވެ.
އެގޮތުން ބުރިޖުން ވިލިމާލެއިން ގުޅިފަޅަށް ގުޅާލާ ފަހު ސެގްމަންޓުގެ މަސައްކަތް ނިންމައި ދެ ރަށް ގުޅާލެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ މަޝްރޫއު ކުރިއަށްގެންދާ އެފްކޮންސްގެ އިތުރުން ހައުސިން މިނިސްޓްރީގެ ޓީމަށްވެސް މަރުހަބާ ދަންނަވާފައެވެ. އަދި އިންޑިއާ ސަރުކާރުން ދެއްވާ އެއްބާރުލުމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން މާލެ-ވިލިމާލެ ގުޅާލީ މި އަހަރުގެ އޮގަސްޓް މަހުއެވެ.

