އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް އިތުބާރު އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ.

މިނިސްޓަރުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ 13 މެންބަރުންގެ ސޮޔާއެކު ހުށަހެޅީ އޮގަސްޓް 1ގައެވެ.

އެ މައްސަލަ އެޖެންޑާކޮށް މިއަދު ޖަލްސާގައި ސައީދަށް އިތުބާރު އޮތް ކަމަށް ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރީ 54 މެންބަރުންގެ ވޯޓާ އެކީގައެވެ. ސައީދަށް އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ އެންމެ 10 މެންބަރެކެވެ.

މި މައްސަލައިގައި ފާހަގަކުރި ކަންކަމުގެ ތެރޭގައި ޑޮލަރުގެ އަގު ކަޅުބާޒާރުގައި ހުއްޓުމެއްނެތި މައްޗަށްގޮސް، ތަކެތީގެ އަގު އުފުލުމާއި ދައުލަތުގެ މުދަލާއި ފައިސާ އަމާނާތްތެރިކަމާއެކު ނުބެލެހެއްޓުމާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސް އެޅުމާއި އަމިއްލަ ވިޔަފާރިތައް ހިމާޔަތް ކުރުމުގައި ފެއިލްވުން ހިމެނެއެވެ.

މީގެ އިތުރުން އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާހާއި ދައުލަތުގެ ސިޔާދަތަށް ނުރައްކާވުމާއި ބިޔަ މަޝްރޫއުތަކެއް އިއުލާން ކުރި ނަމަވެސް މަޝްރޫއުތައް ހުއްޓިފައިވުމަކީ ވެސް މިނިސްޓަރު ސައީދަށް އިތުބާރު ނެތް ކަމަށް ހުށަހެޅި ސަބަބުތަކެކެވެ.