ދުބާއީގެ ”އީގަލްސް ހިލްސް“އާ ހަވާލުކޮށްގެން ހިންގަން އުޅޭ ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރަން ތައްޔާރުވަމުންދާއިރު، މިއަދު ރައްޔިތުން ގޭގައި ބަލަން ތިބެފިނަމަ، މި ގައުމު ސަލާމާތް ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، ”ދިވެހީންގެ ބިން ދިވެހީންނަށް“ މިނަމުގައި ރޭ ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ.
މޮސްޓާ ވިދާޅުވީ، މިހާރު ކުރިއަށް ގެންދާ ހަރަކާތަކީ ގައުމީ ހަރަކާތެއް ކަމަށާއި، މިއީ ވަކި ޕާޓީއަކަށް ނިސްބަތްވާ ކަމެއް ނޫން ކަމަށެވެ. އޭނާ ވަނީ ސިފައިންނާ ފުލުހުންވެސް މިކަމުގައި ބައިވެރިވާން ގޮވައިލައްވައިފައެވެ. އަދި ރައްޔިތުން ގޭގައި ކަންބަލަން ތިބުމަކީ، ދިވެހި ބިން ދިވެހީންގެ އަތުން ބީވެގެން ހިނގައިދާނެ ކަމެއް ކަމުގައި އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.
”މިއަދު ތިބޭފުޅުން ސިޓިން ރޫމުގަ، ގޭގަ، ފިނި ކޮޓަރީގަ ބަލަން ތިބެފިނަމަ، އަޅުގަނޑުމެންނަށް މި ގައުމު ގެއްލޭނެ.“ މޮސްޓާ ވިދާޅުވިއެވެ.
މޮސްޓާ ވިދާޅުވީ، ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވެސް މިކަމުގައި ފަހަތަށް ޖެހިފައިވާ ކަމަށެވެ. އެގޮތުން ރޭގެ އެއްވުމުގައި ވެސް އެ ޕާޓީގެ މެމްބަރުން ބައިވެރިނުވާކަން މޮސްޓާ ފާހަގަކުރައްވައިފައިވެއެވެ. މިއީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން، މިކަމާ އުޅެދިނުމަށް މޮސްޓާ ވަނީ އެމްޑީޕީގެ މެމްބަރުންގެ ކިބައިން އިލްތިމާސް ކުރައްވައިފައެވެ.
”17 ވަނަ ދުވަހު މި އެގްރީމަންޓުގައި ސޮއި ކުރީމަ، ދެން މިވާހަކަ ދެއްކުމުގެ ބޭނުމެއް ނޯންނާނެ. މީގެ ކުރިން މިކަމާ ނޫޅިއްޖެއްޔާ އެމީހުން އޭގައި ސޮއި ކުރާނެ.“ އޭނާ ވިދާޅުވިއެވެ.
މޮސްޓާ އިތުރަށް ވިދާޅުވީ، ކާބަފައިން ވަނީ ދިވެހިރާއްޖެ މަލާބާރީންނާއި ހޮޅިންގެ ކިބައިން ވެސް ސަލާމަތް ކޮށްފައި ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް އެފަދައިން މި ދިވެހި ބިން ސަލާމަތް ކުރާނެ ދިވެހީން ތިބޭނެ ކަމަށެވެ.
މި ވެރިކަން ނިމުމަކަށް އަންނަން ގިނަ ދުވަހެއް ނެތް ކަމަށާއި، ރައީސް ޑރ.މުހައްމަދު މުއިއްޒު ގާނޫނާއި އިންސާފުގެ ކުރިމައްޗަށް ގެނެސް، ޖަލު ހުކުމެއް ތަންފީޒުކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

