އެއްވެސް އިންސާނަކީ އޭނާއާމެދު ތަޤުދީރު ނިޔާކޮށްފައިވާ ގޮތުން މުޖުތަމަޢުން އެކަހެރި ކުރެވިގެންވާނެ މީހެއް ނޫން ކަމަށާއި، ބިނާކުރަންވީ އެކަކުވެސް ބާކީނުކޮށް، އެންމެން ބައިވެރިވާ އަދި އެންމެންނަށް ޤަދަރުކުރާ މުޖުތަމަޢެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ، އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި ”ރިވެލި އެވޯޑް“ ދިނުމުގެ ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރޭގެ ރަސްމިއްޔާތުގައި އެވޯޑު ހާސިލުކުރެއްވި ފަރާތްތަކާ މުހާތަބު ކުރައްވައި މެޑަމް ސާޖިދާ ވިދާޅުވީ، އެ ބޭފުޅުންނަކީ، އާދަޔާ ހިލާފު ކުޅެދުންތެރިކަމަކާއި ފަންނުވެރިކަމެއް ދައްކުވައިދިން، މުޖުތަމަޢުގެ ވަރަށް އަގުހުރި މޭސްތިރިންތަކެއް ކަމަށާއި، އެފަރާތްތަކާމެދު ފަހުރުވެރިވެ ވަޑައިގަންނަވާ ކަމުގައެވެ.
އަދި މުޖުތަމައުގެ ނިޒާމުތައް ބައްޓަންވާންވާނީ، ކުލުނާއި ކަމޭހިތުމަށް ދިރުންލިބި، އެންމެންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ޔަގީންވާ ގޮތަށް ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ. ހަމަ މިއާއެކު އެ ފަރާތްތައް އެ ދައްކުވައިދެއްވަނީ އަޒުމާ ސާބިތުކަމުގެ މުހިންމުކަން ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.
މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވަނީ ކީރިތި ޤުރްއާނުގެ އަބަސަ ސޫރަތުގައި ބަޔާންވެގެންވާ ހާދިސާއަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން، އެކިއެކި އުނިކަން ހުންނަ ފަރާތްތަކުގެ އިޙްސާސްތަކަށް އިހުތިރާމުކުރުމާއި، އެ ފަރާތްތަކުގެ އަގުވަޒަންކުރުމަކީ އިސްލާމްދީން ބާރުއަޅާ، އަދި މާތް ﷲ ލޯބިވެ ވޮޑިގަންނަވާ ކަމެއްކަން އެ ހާދިސާއިން ސާފުވާކަމަށް ވިދާޅުވިއެވެ.

