ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް އިން ހިންގަން ހަމަހޖެހިފައިވ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
”މިކަމަކީ އަޅުގަނޑުމެން ރިފަރެންޑަމެއް ހިންގާނެ ކަމެއް ނޫން،“ ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ގަވައިދެއްގައި އެ މަޝްރޫއާ ގުޅޭ ކަންކަން ބަޔާންކުރަން ފަސޭހަވި ނަމަވެސް އެހެން ނުހައްދަވާ ބަޔާންކުރެއްވީ ރިއަލް އެސްޓޭޓް ގާނޫނުގައި ކަމަށާއި، އަންނަ އޮތް ޖީލުތަކަށް ވެސް ރައްޔިތުންގެ ހައްގުތައް އެއްވެސް ކަންބޮޑުވުމެއް ނެތި ހިމާޔަތްކުރެވިފައިވާކަން އެ ގާނޫނުގެ އަށްވަނަ ބާބުން ފެންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭ ރަސްމީ އެއްބަސްވުމުގައި އީގަލް ހިލްސްއާ އެކު ސޮއިކުރާނީ މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް ސްޓޭޓް ބިލު ފާސްވެ، ގާނޫނަކަށްވުމުން ކަމަށެވެ.
ރަސްމާލެ މަޝްރޫއާ މެދު ރައްޔިތުންގެ ރިފަރެންޑަމަކަށް ދާން ގޮވާލައި އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވާ އިރު، އެ ގަރާރުގައިވާ ކަންކަމަށް އިޖާބަ ނުދީފި ނަމަ އެހެން ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާ ގުޅިގެން ސީދާ ހަރަކާތަށް ނުކުތުމަށް ވެސް ނިންމާފައިވެއެވެ.

